ރާއްޖެ

ކުޑަހުވަދޫ ދަތުރުފުޅުން ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖެހޭނެ: ކައުންސިލް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުޑަހުވަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރަށުގެ ވަރަށް ގިނަ ރައްޔިތުންގެ ދުވަސްވީ އުންމީދުތަކެއްގައި ހަގީގީ ކުލަޖެހިގެންދާ ދަތުރުފުޅެއްކަމުގައި ކުޑަހުވަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

 

އެ ކައުންސިލުން މިހެން ވިދާޅުވީ ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ އިދާރާގައި ރައީސް ކުޑަހުވަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމީޓީއާއި ކުޑަހުވަދޫގެ ބައެއް މުއައްސަސާތަކުގެ ވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 

‎މިއީ މި ހިނގާ ރިޔާސީ ދައުރުގައި ރައީސް ކުޑަހުވަދޫއަށް ކުރައްވާ ތިންވަނަ ދަތުރުފުޅުކަން ފާހަގަކުރައްވާ، މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ގައުމު ތަރައްގީކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދުކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ފެށިގެންދާ މަޝްރޫއުތަކަކީ ނުހުއްޓި ކުރިއަށްދާނެ މަޝްރޫއުތަކެއްކަމުގައި ހައްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

 

މީގެއިތުރުން ކައުންސިލުން ވަނީ ކުޑަހުވަދޫގައި އިންޑަސްޓްރިއަލް އޭރިއާއެއް ހައްދަވައިދެއްވުމަށާއި، މަސް ފެކްޓްރީއެއް ބޭނުންވާކަމަށާއި، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ.

 

‎މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ މެންބަރުންވަނީ ސަރުކާރުން އަންހެނުންގެ ތަރައްގީއަށް ކުރައްވާ މަސައްކަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. ‎ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި އާރބަން ސެންޓަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ރަށްތަކަށް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައިވާ ކަންކަން ކުރިއަށްގެންދަވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

‎މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކުޑަހުވަދޫގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

 

‎މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ ކުޑަހުވަދޫގައި އިމާރާތްކުރާ އައު ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އަލަށް އިމާރާތްކުރާ ބީއެމްއެލް ކުޑަހުވަދޫ ބްރާންޗުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

 

 

ކޮމެންޓް