ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް 181 މިލިއަން ރުފިޔާއަށް އާރްޑީސީ އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. 50 އެނދުގެ މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިމޭއިރު، މެމޮގްރަފީ ހިދުމަތް ލިބޭނެ ފެސިލިޓީ ގާއިމްކުރާނެއެވެ. އަދި ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާތަކަށް ހާއްސަ އޯތޯ-ތިއޭޓަރ ވެސް ގާއިމްކުރާނެއެވެ.
މީގެއިތުރުން ހޮސްޕިޓަލްގެ ސްޓާފުންނަށް ޓްރެއިނިންގ ދިނުމަށް ބޭނުންވާނެ ފެސިލިޓީ ގާއިމްކުރާގޮތަށް ވަނީ ނިންމާފައެވެ. އަދި މިއީ އަތޮޅު ހޮސްޕިޓަލަކަށްވާތީ، އަތޮޅުތެރޭގެ މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުދިނުމަށް ބޭނުންވާ ފެސިލިޓީއާއި ޕްރައިވެޓް ރޫމް ފެސިލިޓީތައް ވެސް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.
ހަމަމިއާއެކު ކުޑަހުވަދޫ އަކީ އެއަރޕޯޓެއް އޮންނަ ރަށަކަށްވާތީ، އެމަޖެންސީ ހާލަތްތަކުގައި ކޭޓަރކުރެވޭނެ އިމަޖެންސީ އީއާރެއް ގާއިމްކުރާއިރު، އައު ހޮސްޕިޓަލުން ހިދުމަތްދޭން ފެށުމާއެކު، ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ. އަދި ރަށުންނާއި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށް ވެސް ހިދުމަތް ލިބިގަތުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ވެގެންދާނެއެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ މިއީ ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ހާލަތްތަކުގައި އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީ ހިމެނޭ ހޮސްޕިޓަލެއް ކަމަށެވެ. އަދި ހޮސްޕިޓަލުގެ ބޭނުން ކުރާ ހަކަތަ އަށް ކުރާ ހަރަދު ކުޑަ ކުރުމަށް ސޯލަރ ޕީވީ ސިސްޓަމް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވެއެވެ.
އެ މިނިސްޓްރީން އިތުރަށް ވިދާޅުވީ ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއަރ އަދި ސަކްޝަން އެޅިފައިވާނެ ކަމަށާއި ހޮސްޕިޓަލްގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ޕަވަރބެކަޕް ސިސްޓަމެއް ވެސް އިމްކުރެވިގެންދާނެ ކަމަށެވެ. އަދި ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕާއި ހޮސްޕިޓަލަށާއި އަތޮޅުތެރެއަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ޕްލާންޓު ވެސް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙުމަދު ޤާސިމްއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަސްބާހް އަލީ ނަސީރުއެވެ.
މި ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ ފެބްރުއަރީ 23 ވަނަ ދުވަހު ވަނީ އަޅާފައެވެ. މިއިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް ޢުމަރުއެވެ.