ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ގއ. ވިލިނގިލި، ވައިޖެހޭގެ ޔަޒްމީދު މުޙައްމަދު އައްޔަން ކުރައްވައިފިއެވެ.
އޭނާ މި މަގާމަށް އައްޔަންކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.
ޔަޒްމީދު އެ މަގާމަށް އައްޔަންކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގެ ކުރިން، ރައީސް ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 165 ވަނަ މާއްދާއާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުކަމުން، ރ. އިނގުރައިދޫ، ހިތްވަރު އަލްއުސްތާޛު މުޙައްމަދު ސަމީރު ވަކިކުރައްވާފައެވެ.