ޚަބަރު ރާއްޖެ

ކެއުމުގައި ހަލާލުތަކެތި ހޯދާ ފަދައިން ހޯދަންވާނީ ހަލާލު ފައިސާ

އަހަރެމެން ކެއުމުގައި ހަލާލު ތަކެތި ހޯދުމަށް އިސްކަންދޭފަދައިން، އެތަކެތި ގަތުމަށް ބޭނުންކުރާ ފައިސާއަކީވެސް ހަލާލު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ހަދަންޖެހޭކަން ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

 

ހުތުބާގައި ވަނީ ތިމާގެ އަނބިދަރީންގެ ކެއުމާއި، އަންނައުނާއި، ބޯހިޔާވަހިކަމަކީ، ރިބާގެ މުއާމަލާތުތަކުން ހޯދި ފައިސާއިން ގަނެ ފޯރުކޮށްދޭ އެއްޗެއްކަމުގައި ނެހެދުމަށް ނަސޭހަތްތެރިވެފައެވެ. އަދި ރިބާއަކީ، މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާ މެދު ހިތްހަމަނުޖެހޭ އެއްޗެއްކަން ހަނދާންކޮށްދީފައި ވެއެވެ.

 

މީގެއިތުރުން ރިބާއަކީ މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި އެއްޗެއްކަމަށާއި އެއީ އުޚުރަވީ ހަޔާތުގައި ވެސް ވޭންދެނިވި ޢަޛާބާ ކުރިމަތިލާން ޖެހޭނެ އެއްޗެއްކަން ވަނީ ބުނެދީފައެވެ.



"
ރިބާ ކާމީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (ޤިޔާމަތް ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަ ކަމެއްކަމުގައެވެ."

 

"ޙަލާލު ގޮތުގައި މާލީ މުޢާމަލާތްތައް ކުރުން" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުކުރު ހުތުބާގައި އިސްލާމް ދީނުގައި އަޅުކަންތަކަށް އިސްކަން ދޭފަދައިން، މުއާމަލާތުގެ ބަޔަށްވެސް އިސްކަންދޭކަން ހަނދާންކޮށްދިނެވެ. އަދި އިންސާނާގެ ހަޔާތުގައި ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ ތަފާތު މުއާމަލާތުތަކާ މެދު ފަރުވާތެރިވުން މުހިންމު ކަމުގައި ވަނީ ބުނެފައެވެ.

 

ހުތުބާގައި ބުނީ މީގެކުރިން މަޖުބޫރު ހާލަތެއްގައިތިބެ ރިބާ ހިމެނޭ ލޯނުތަކާއި އިންޝުއަރެންސް ނަގާން ޖެހުނު ކަމުގައި ވިއަސް، އިސްލާމީ ޝަރީއަތާ އެއްގޮތަށް މާލީ މުއާމަލާތު ހިންގޭނެ މަގު މިއަދުވަނީ ތަނަވަސްވެފައިކަން ހުތުބާގައި ބުންޏެވެ.

 

މީގެއިތުރުން މުޅި ދުނިޔެއަށް މިހާތަނަށް ކުރިމަތިވެފައިވާ އިގްތިސާދީ ގިނަ ކާރިސާތައް މެދުވެރިވުމުގެ މައިގަނޑު ސަބަބަކީ ރިބާ ކަމަށާއި އޭގެސަބަބުން އިގްތިސާދީ ނަފާވެރިކަން މަދުބައެއްގެ އަތްމައްޗަށް ގޮސް، މުޅި މުޖުތަމައުގެ ތެރޭގައި އޮންނާންޖެހޭ އިގްތިސާދީ އަދުލުވެރިކަން ނެތި ކޮށްލާކަމަށް ވެސް ބުނެފައި ވެއެވެ.

 


  • ހުކުރު ދުވަސް
  • ހުކުރު ޚުތުބާ
  • ކޮމެންޓް