ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީ.ވީ.އައި.އެސް.އެމް) އިން މި ރަމަޟާން މަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޤުރްއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
އެ އެސޯސިއޭޝަނުން ވިދާޅުވީ ފެބްރުއަރީ 28 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެކަމަށެވެ. އަދި މި މުބާރާތުގައި ކޮންމެފަރާތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ހާމަކުރައްވައެވެ.
މީގެއިތުރުން މި މުބާރާތް ހުޅުވާލާފައިވަނީ ތިން ކެޓަގަރީއަށް ކަމަށާއި އެއީ ބްލައިންޑް ކެޓަގަރީ، ސްޕެޝަލް ކެޓަގަރީ އަދި އޯޕަން ކެޓަގަރީ ކަމަށް ވިދާޅުވެއެވެ. އެގޮތުން ބްލައިންޑް ކެޓަގަރީގައި ހިމެނެނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ.
ސްޕެޝަލް ކެޓަގަރީ 6 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނާއި ވާހަކަދެއްކުމުގައި ދަތިތައް ހުންނަފަރާތްތަކަށް ހާއްސަކޮށްފައިވާއިރު، އޯޕަން ކެޓަގަރީ ވަނީ އާންމުކޮށް ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލާފައެވެ. މި މުބާރާތް ކުރިއަށްދާނީ އެ ޖަމިއްޔާގެ ޓިކްޓޮކް ލައިވް ގައެވެ.
ބީ.ވީ.އައި.އެސް.އެމް ގެ ފޭސްބުކްގައި ވަނީ 1446 ވަނަ އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށް އެޖަމިއްޔާ އިން ހިންގުމަށް ރާވާފައިވާ ބައެއް ކަންކަން ގެންދަނީ ހިއްސާކުރަމުންނެވެ. އެގޮތުން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ރޯދަ ކުއިޒެއް ބޭއްވުމަށް ނިންމާފައިވާއިރު، މި ކުއިޒު ކުރިއަށްދާނީ މިފަދަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޓެލެގްރާމު ގްރޫޕުގައެވެ.
ހަމަމިއާއެކު ދީނީ ދަރުސް ޕްރޮގްރާމެއް ވެސް ޓިކްޓޮކް ލައިވްގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.