ބްރޫނާއީ ދާރުއްސަލާމްގެ ގައުމީ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ.
އެ ގައުމުގެ ސުލްޠާން، ޙާޖީ ޙަސަނުލް ބުލްކިއާ މުޢިއްޒައްދީން ވަދާޢުﷲ އަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވި މެސެޖުގައި ރާއްޖެއާއި ބްރޫނާއީއަކީ ގާތް އަދި އެކުވެރި ގުޅުމެއްގެ ދިގު މާޒީއެއް އޮތް ދެ ގައުމުކަން ފާހަގަކުރައްވާފައި ވެއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެއްބާރުލުމާއި އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުންމީދު ކުރައްވާ ކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.
އެ މެސެޖުގައި ބްރޫނާއީގެ ސުލްޠާނަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އަދި އުޚުއްވަތްތެރި ބްރޫނާއީ ދާރުއްސަލާމްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.
ރާއްޖެއާއި ބްރޫނާއީ ދާރުއްސަލާމާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 31 މާރޗް 1984 ގައެވެ.