ސަރުކާރުން މީޑިއާތަކަށް ދޭ މާލީ އެހީއަށް އެދުމުގެ ފުރުސަތު ވަރަށް އަވަހަަށް ހުޅުވާލާނެ ކަމަށް ް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އަރޓްސް މިނިސްޓަރ އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކުގެ އެޑިޓަރުންނާއި މަސްއޫލުވެރިންނަށް 'ހައި ޓީ" ގެ ނަމުގައި ބޭއްވި މާހެފުމުގައި އެމަނިކުފާނު ވިދާޅުވީ ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަށް އެކުލަވާލި އުސޫލު މިހާރުނިމިފައިވާ ކަމަށެވެ.
މިއީ މީޑިއާތަކަށް މާލީ އެހީ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވުމާއެކު މާލީ އެހީދޭނެ އުސޫލެއް އެކުލަވާލުމަށް، ބްރޯޑްކާސްޓިންގ އަދި އޮންލައިން މީޑިއާތަކުގެ ގިނަ ވެރިންނާއެކު ކުރެވުނު މަޝްވަރާއާ އެއްގޮތަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށް ވެސް ވިދާޅުވިއެވެ. މި އުސޫލު ގެޒެޓް ކުރެވުމާއެކު ލަސްލަތެއް ނުވެ، ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ބްރޯޑްކާސްޓިންގ ކޮމިޝަނާއި މީޑިއާ ކައުންސިލް އެއްކޮށްލުމާ ގުޅޭގޮތުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ބެހޭގޮތުން ވިދާޅުވީ އެ ދެ މުއައްސަސާ އެއްކޮށްލުމަށް އެއްވެސް ނޫސްވެރިއަކު ދެކޮޅު ނުހަދާ ކަމަށެވެ. އަދި އެއީ އެކަން އޮންނަން ވީ ގޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
ހަމަމިއާއެކު އެ ދެ މުއައްސަސާ އެއްކޮށްލުމަށްޓަކައި ހަދަން ޖެހޭ ގާނޫނީ އޮނިގަނޑުގެ މަސައްކަތް އޭޖީ ގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ދާ ކަމަށާއި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
މިނިސްޓަރު ވަނީ ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ އެޑިޓަރުންނާއި މަސްއޫލުވެރިން އަދި ނޫސް ރީބްރޭންޑް ކުރާއިރު، އެ މައުލޫމާތު މިނިސްޓްރީ އާ ހިއްސާ ކުރުމަށް ވެސް އެދިވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ބައެއް އެޑިޓަރުން ވަނީ ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމާއި ބްރޯޑްކޮމް އާއި އެމްއެމްސީ އެއްކޮށްލާ ބިލް އަވަސް ކުރުމަށް އެދިފައެވެ. އަދި މީޑިއާގެ ދާއިރާއަށް ދިމާވާ އެކިއެކި ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރުމަށް ވެސް އެދިފައި ވެއެވެ.
މީގެއިތުރުން އެކި މަންސަތަކުގައި ދޮގު ޚަބަރު ފެތުރޭ އިރު ހުރިހާ ނޫސްވެރިންނަށް ނިސްބަތްވާ ގޮތަށް އެކަން ވުމަށް ނޭދޭ ކަމަށާއި ސަރުކާރުގެ އެކިއެކި ޕްރޮގްރާމުތަމުގެ މަންފާ މީޑިއާތަކަށް ލިބޭއިރު، ދޮގުޚަބަރު ފަތުރާ ފަރާތްތަކުގެ ކޮންޓެންޓް ބެލޭނެ މިންގަނޑެއް އޮތުން މުހިންމު ކަމުގައި ވެސް ނޫސްވެރިން ފާހަގަކުރިއެވެ.