ރާއްޖެ

ރޯދަ ހަދިޔާ މަސްދަޅު ލިބިގަތުމަށް އަނެއްކާވެސް ލުއިގޮތެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރޯދަ ހަދިޔާ މަސްދަޅު ކޭސް ދޫކުރުމުގެ އިންތިޒާމު ފަސޭހަކޮށްދިނުމުގެ ގޮތުން އަނެއްކާ ވެސް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.

 

ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރޯދަ ހަދިޔާ މަސްދަޅު ކޭސް ދޫކުރުން ރޭގައި ދިޔައީ ވަރަށް އިންތިޒާމުކޮށް، އޮމާންކޮށް ކަމަށެވެ. އަދި މިހާރަށްވުރެ ވެސް ފަސޭހައިން މިކަންކުރުމަށް ބައެއް ފިޔަވަޅުތައް އަޅުއްވަން ނިންމަވާފައިވާ ކަމަށެވެ.

 

އެގޮތުން ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ އަދަދު ރެޔަށްވުރެ އިތުރުކުރުމަށާއި މިހާރު ޓޯކަން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ފަހުގެ ތާރީހަކަށް ޓޯކަން ލިބިފައިވާ ފަރާތްތައް، ތާރީހު އަވަސްކޮށް ރީޝެޑިއުލްކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޓޯކަން ނެގުންފަދަ ކަމެއްގައި ހައްލުކޮށްލަންޖެހޭފަދަ ކަމެއް ކުރިމަތިވާ ފަރާތްތަކަށް އެއް ދިމާލަކުން އެކަމަށް އަޅާލައި، އެކަން ހައްލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

 

މީގެއިތުރުން މިއަދު ޓޯކަން ދޫކުރަން ފަށާއިރު، މިހާރު ޓޯކަން ލިބިފައިވާ ފަރާތްތަކަށް ހަމަ އެ ޓޯކަންއަށް ކުރިޔަށްގެންދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރަމަޟާން މަހުގެ ކުރިން ހުރިހާ ފަރާތްތަކަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އަމާޒުކަމަށާއި އެހެނަސް ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ލިބެންދެން އެ މަސައްކަތް ކުރިޔަށްދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 

ރައީސްގެ ރޯދަ ހަދިޔާ ބެހުމުގެ އިންތިޒާމު ފަސޭހަކުރުމަށް ނަމްބަރު ނެގުމަށް އޮންލައިން ޕޯޓަލެއް ގާއިމުކޮށްފައިވާއިރު، މި ހަދިޔާ ރޭ ދޫކޮށްފައިވަނީ މާފަންނު މިފްކޯ ކޮމްޕްލެކްސް އިން 200 ނަމްބަރު، އެމް.ޓީ.ސީ.ސީ ސޯމިލުން 200 ނަމްބަރު، ހެންވޭރު ދަނޑުން 100 ނަމްބަރު ދޫކޮށްގެންނެވެ. އަދި ގަލޮޅު ދަނޑުގެ ސެޓަޕް 1، 2، 3 އަދި 4 ން ކޮންމެ ސެޓަޕަަކަށް 50 ނަމްބަރު ވަނީ ދޫކޮށްފައެވެ.

 

މީގެއިތުރުން ސޯޝަލް ސެންޓަރާއި ވިލިމާލެ ވެމްކޯ ސައިޓާއި އުމަރު ޒާހިރު ބިލްޑިންގ އާއި ހުޅުމާލެ – ޕޮލްކޯ ޓަވަރުގެ ސީ ބްލޮކުން ކޮންމެތަނަކުން 100 ނަމްބަރާއި ހުޅުމާލެ ހިޔާ ޓަވަރު 10 އިން އަދި ހުޅުމާލެ ކާމިލްދީދި ޕްރީސްކޫލުން ވެސް 100 ނަމްބަރު ދޫކޮށްފައި ވެއެވެ.

 

މަސްދަޅު ކޭސް ބަލައި އަންނައިރު އެ ފަރާތެއްގެ އައި.ޑީ.ކާޑާއި އެއްމަހުގެ ކަރަންޓު ބިލް ގެންނަންޖެހޭނެއެވެ. އަދި އެއް ފަރާތަށް އެންމެ ގިނަވެގެން ދޫކުރާނީ 3 މަސްދަޅު ކޭހެވެ.

 

އޮންލައިން ނަމްބަރު ދޫކުރަން ފަށާނީ އިރުއޮއްސި 6 ޖެހުމުން:

 

https://roadhahadhiya.mv

 

 

ކޮމެންޓް