ރާއްޖެ

ރާއްޖެއާ ޖަޕާނުގެ ގުޅުން ބިނާވެފައިވަނީ އިހްތިރާމާއި އިތުބާރަށް: ރައީސް

ރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ގާތްގުޅުން ބިނާވެފައި ވަނީ އެއްގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމާއި އިތުބާރުގެ މައްޗަށްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖަޕާނުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ އެމްޕެރަރ ހިޒް މެޖެސްޓީ ނަރުހިތޯ އާއި ޕްރައިމް މިނިސްޓަރ ހިޒް އެކްސެލެންސީ ޝިގެރޫ އިޝިބާއަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައެވެ.

 

ޖަޕާނުގެ ސަރުކާރަށާއި ރައްޔިތުން ވެސް ޝާމިލުވާގޮތަށް ފޮނުއްވި ސިޓީފުޅުގައި ރާއްޖޭގެ ތަރައްގީއަށް ޖަޕާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ވެސް ފާހަގަކުރައްވާފައިވެއެވެ.

 

‎މީގެއިތުރުން ޖަޕާނުގެ އެމްޕެރަރއާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކާއި އުފާފާގަތިކަމާއި، ޖަޕާނުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް ވަނީ އެދިވަޑައިގެންފައެވެ.

 

‎ޖަޕާނުގައި ގައުމީ ދުވަސް ފާހަގަ ކުރަނީ އެ އިރެއްގައި ޖަޕާނުގެ އެމްޕެރަރގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ އުފަންދުވަހާ ގުޅުވައިގެންނެވެ. އެގޮތުން މިހާރު ޖަޕާނުގެ ގައުމީ ދުވަސް ފާހަގަކުރަނީ ފެބްރުއަރީ 23 ގައެވެ.


ކޮމެންޓް