އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީން ކާނާ ވިހަވި މައްސަލަ އެޗްއާރްސީއެމްގެ ސަމާލުކަމަށް އައިސް އެކަން ބަލަމުން އަންނަކަމުގައި އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެޗްއާރްސީއެމް އިން ވިދާޅުވީ މޯލްޑިވްސް އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީންތަކެއް ރޭގެ ވަގުތެއްގައި ކާނާ ވިހަވެ ބައެއް ފަރާތްތައް ހާލުދެރަވެ، ހޮސްޕިޓަލުގައި އެނދުމަތިކުރަންޖެހުމަކީ އެކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެ ކޮމިޝަނުން ވަނީ މި މައްސަލަ ގާތުން ބަލައި، މޮނިޓަރކުރަމުން އަންނަކަމަށާއި މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި, ކަން ހިނގާދިޔަގޮތް ތަހުގީގުކުރެއްވުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފައެވެ.
މީގެއިތުރުން މި ހާދިސާގައި ފަރުވާ ހޯދަމުންދާ އެންމެހައި ފަރާތްތަކަށް އަވަސް ޝިފާ އަކަށް ވެސް ވަނީ އެދިފައެވެ.
މި ހާދިސާ އާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެފައިވަނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި ބިދޭސީންގެ ތެރެއިން ކާނާ ވިހަވުމުގެ ސަބަބުން 17 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަަމަށެވެ.
މި ކަމުގައި އަސަރުކޮށްފައިވާ ބިދޭސީންނަށް ވީ އެންމެ އަވަސް ފަރުވާއެއް ފޯރުކޮށްދިނުމަކީ މި ވަގުތު އެންމެ އިސްކަމެއް ދީގެން ކުރެވެމުންދާ ކަންތައް ކަމުގައި ވެސް އެ އިދާރާ އިން ވަނީ ހާމަކުރައްވާފައެވެ.