ނ. ހޮޅުދޫ، ނިއުލައިފް، އަލްމަރްހޫމާ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ބަލަމުން އަންނަކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގެ 'އެކްސް' ގައި ވިދާޅުވީ އެ މައްސަލައާ ގުޅިގެން ގާތްތިމާގެ މީހުންގެ ފަރާތުން މައްސަލައިގެ ތަހްގީގު ދާގޮތާމެދު ހުރި ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާކަމަށެވެ. އަދި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން ޢަމަލުކުރަމުންދާ ގޮތް އެކޮމިޝަނުން ބެލުމަށް މިމައްސަލަ ދަނީ ތަހްގީގްކުރަމުން ކަމަށެވެ.
މީގެއިތުރުން އެމައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކުޔުންތައް ދިވެހި ފުލުހުންގެ ހިދުމަތުން ހޯދައި، ލިބިފައިވާ މައުލޫމާތުތައް ދިރާސާކުރަމުން ދާ ކަމަށް ވެސް ވިދާޅުވެއެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގެއިންނެވެ. އެއީ ފައިބެއަހަރުގެ ސެޕްޓެމްބަރ 10 ވަނަ ދުވަހުއެވެ.
ޒަކިއްޔާގެ މަރާއި ގުޅިގެން ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށްބުނެ، ހޮޅުދޫގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަނަމަވެސް ދިވެހި ފުލުހުންގެ ހިދުމަތުން މީގެކުރިން ވިދާޅުވެފައިވަނީ އޭނާގެ ކަރުގައި ޒަހަމްތަކެއް ފެންނަން ހުރިކަމަށާއި އޭނާ އޮތް ދިމާލުގައި ވަޅިއެއްވެސް އޮތްކަމަށެވެ.
ޒަކިއްޔާ މޫސާ މަރުވެފައި އޮތްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަނެއްގެ ތެރޭގައި ކަމަށްވާއިރު، އެ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.