މާލެ ކައިރީގައި ޕިކްނިކް ދިއުމަށް ހަދާފައިވާ ކުޑަގިރިން ހިދުމަތްދޭ ވަގުތު އިތުރު ކުރުމަށް ނިންމައިފިއެވެ.
ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވީ މިއީ އެ ރަށް އާންމުންނަށް ހުޅުވާލިތާ ދެއަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އެގޮތުން އަންނަ އޭޕްރީލް މަހުން ފެށިގެން ކުޑަގިރީގެ ހިދުމަތްދޭ ގަޑި ކޮންމެ ދުވަހެއްގެ ރޭގަނޑު 11:30 އަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ހާއްސަ ޑައިވް ސައިޓެއް ހެދުމަށާއި މި މަޝްރޫއު ކުރިއަށްދާނީ އެޗްޑީސީއާއި އެމްއެމްޕީއާރްސީ އަދި އެމްޓީސީސީ ގުޅިގެން ކަމަށް ވިދާޅުވެއެވެ.
މީގެއިތުރުން އެރަށުގެ ދެވަނަ އަހަރީ ދުވަހާއި ގުޅިގެން އެރަށުގައި ހިޔާދޭ ބޮޑެތި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފައިވާކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ. އަދި އެރަށަކީ ދަތުރު ދާ މީހުންނަށް ހިތްހަމަޖެހޭނެ ރަށަކަށް ހެދުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ދަތުރު ދިޔުމަށް ތަރައްގީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވާފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11ވަނަ ދުވަހުއެވެ.