މާލޭ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންގެ އެކިއެކި ބޭނުންތައް ފުއްދައިދިނުމަށް ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ "އަންބަލަން" ހަރާކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަން (ޝީ) އާއި މާލެ ސިޓީ ކައުންސިލް އަދި މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އާ ގުޅިގެން ފެށި މި ހަރަކާތުގައި މޭޔަރު ވިދާޅުވީ މިގޮތުން މާލޭގެ މަގުމަތީގައި ހުންނަ ގަސްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރުމަކީ އެ އިދާރާގެ މުހިންމު މަސައްކަތެއް ކަމަށެވެ.
އެހެންނަމަވެސް، ގަސް އުފުރާލުމާއި ގަސްތައް ކެނޑުމުގެ މަސައްކަތަކީ ކައުންސިލުން ކުރުމަށް ގަސްތުކުރާ ނުވަތަ ބޭނުންވާ ކަމެއް ނޫންކަން ހާމަކުރައްވާ މޭޔަރު ވިދާޅުވީ ގިނަ ފަހަރަށް ރައްޔިތުން އެ އިދާރާއަށް ޝަކުވާ ހުށަހަޅަމުންދަނީ މަގުމަތީގައި ހުންނަ ގަސްތަކުގެ ގޮފިތަކުން ދިމާވާ އުނދަގޫތައް ހައްލުކޮށްދިނުމަށް ކަމަށެވެ.
"އެފަދަ ހާލަތްތަކުގައި ކައުންސިލުން އެކަން ހައްލުކޮށްދޭނެ."
މީގެއިތުރުން ބައެއް ފަހަރަށް ބޮޑެތި ގަސްތައް ހެދިފައި ހުންނަ ގޮތުން ރައްޔިތުންގެ މުދަލަށާއި ބައެއް ގޭގޭގެ ގޯތި ތެރެއަށް ގަހުގެ ފަތް އެޅި، ގަހުގެ މޫތަކުން ޕޭމަންޓު ގާތަށް ވެސް އުފުލި، ގަލުގައި އަޅައިގަނެ ވެއްޓި ގިނަ ބަޔަކަށް އަނިޔާވަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ހަމަމިއާއެކު ގަހުގެ ގޮފިތަކުން ގޭގެއަށް މީދަލާއި ދިރޭ ތަކެތި ވަންނަ ކަމުގެ ޝަކުވާތައް ވެސް ލިބެމުން އަންނަ ކަމަށާއި މަގުތަކުން ދަތުރުކުރާ، ބޮޑެތި ހެވީ ވެހިކަލްތައް ގަސްތަކުގެ ގޮފިތަކުގައި އަޅައިގަނެ، އެ އުޅަނދުތައް ދަރުތުކުރަން ދަތިވެ، ގަހަށާއި އުޅަންދަށް ގެއްލުން ލިބި އެ ފަރާތްތަކުގެ ޝަކުވާތައް ވެސް ލިބޭ ކަމަށް ވެސް މޭޔަރު ފާހަގަކުރެއްވިއެވެ.