ރޯދައިގެ މަތިވެރި އަޖުރުން އެއްވެސް މިންވަރެއް އުނިނުވެ، ރޯދަހިފޭނޭ ގޮތަކަށް އަހަރެމެން ރޯދަމަހާ ބައްދަލުކުރުމަށް ތައްޔާރު ވާންޖެހޭކަމުގައި ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
ހުތުބާގައި ބުނީ މި ބަރަކާތްތެރި މައްސަރާ ކުރިމަތިލާއިރު، އެންމެ ފުރަތަމަ ކުރާންޖެހޭ ކަމަކީ ކުރެވެމުންދާ ކުށްފާފަތަކާ ދުރުހެލިވެ، ފުރިހަމަ ތައުބާއަކުން ތައުބާވެގެންވާ ހާލު މި މަތިވެރި މައްސަރާ ބައްދަލުކުރުން ކަމަށެވެ.
" ރަމަޟާންމަހާ ބައްދަލުކުރާއިރު އެ މަހުގެ ފުރިހަމަ ދަރުމައާއި ސަވާބު ހާސިލުކުރެވޭނެ ގޮތަކަށް ކަންކަން ރޭވުމަށް ގޮވާލަން. އަނބިދަރީންނާއި ގާތްތިމާގެ މީހުންނަށް ވެސް މި ދުވަސްތަކުގައި ދަރުމައާއި ސަވާބު ހާސިލުކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަންކުރަންޖެހޭނެ."
މީގެއިތުރުން އެ މައްސަރާ ބައްދަލުވުމުގެ ކުރީން ފާއިތުވި ރަމަޟާން މަހުގެ ރޯދައެއް ނުހިފިވާނަމަ، އެ ރޯދައެއް ހިފުމަކީ ވާޖިބު ކަމެއްކަން ވަނީ ހަނދާންކޮށްދެއްވާފައެވެ. އަދި މި މަހަށް ތައްޔާރުވުމުގެ ގޮތުން ބަދަލުކުރަންވީ ހަމައެކަނި ގޭތެރޭގެ ފަރުނީޗަރުތަކާއި، ކެއުންބުއިމަށް އަންނަ ބަދަލުތަކެއް ނޫން ކަމަށް ވެސް ހުތުބާގައި ވެއެވެ.
"ރަމަޟާންމަހަށް ތައްޔާރުވުން" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި އިތުރަށް ވަނީ ރަމަޟާން މަހަކީ ވިޔަފާރީގެ ފައިދާ އިތުރަށް ހޯދުމުގެ މަހަކަށް ނުހަދައި، ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދީ އެ މައްސަރުގެ ދަރުމަ ހޯދުމަށް މަސައްކަތްކުރުމަށް ވެސް ގޮވާލާފައެވެ.