ރާއްޖެ

ރޯދަ ހަދިޔާ މަސްދަޅު ބަހަން އިތުރުތަނެއް ހަމަޖައްސަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސް ބެހުމަށް އިތުރުތަނެއް ހަމަޖައްސަވަން ނިންމަވާފައިވާކަމަށް ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ފެބްރުއަރީ 20 ވަނަ ދުވަހުގެ ރޭ މަސްދަޅު ކޭސްތައް ބަހަން ފެށުމުން އާންމުރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބަށް ބެއްލެވުމަށްފަހު، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

 

މިނިސްޓަރު ވިދާޅުވީ ރޭ މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަމާއި އާންމުން އެކަމަށް އިޖާބަ ދެއްވި މިންވަރަށް ބަލައި، ރޯދަ ހަދިޔާ ބަހާނެ އިތުރު ތަނެއް ހަމަޖައްސައި، ހޮނިހިރު ދުވަހުގެ ކުރިން އާންމު ކުރައްވާނެ ކަމަށެވެ.

 

މާލެ ސަރަހައްދުގައި 5 ސަރަހައްދެއްގައި މަސްދަޅު ކޭސް ދަނީ ބަހަމުންނެވެ. އަދި މިމަހުގެ 27 ހަމައަށް މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވެއެވެ.

 

މީގެއިތުރުން އެ މުއްދަތުގެ ތެރޭގައި ބަހާ ނުނިމެއްޖެނަމަ ރޯދަމަހުގެ ތެރޭގައި ވެސް މަސްދަޅު ކޭސް ބަހާނެކަމުގެ އިޝާރާތެއް މިނިސްޓަރު ވަނީ ކުރައްވާފައެވެ.

 

އެސްޓީއޯ މެދުވެރިކޮށް މާލޭގެ ރައްޔިތުންނަށް މަސްދަޅު ކޭސްތައް ބަހަން ފެށީ ރޭ 8:30 ގައެވެ. އެ ނިންމުމާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ މަސްދަޅު ބަހާ ސަރަހައްދުތަކުގައި ކިއު ހަދާފައެވެ.

 

އެސްޓީއޯ މެދުވެރިކޮށް، ކޮންމެ ގޭބީސީއަކަށް ދޫކުރަނީ 180 ގްރާމްގެ 48 ދަޅުގެ މަސްކޭހެވެ. ކަރަންޓު މީޓަރު ނަންބަރަށް މަސްދަޅު ބަހާއިރު، މަސްދަޅު ކޭސް ބަލާ ދާ މީހާ އައިޑީ ކާޑާއި ކަރަންޓު މީޓަރު ނަންބަރު ގެންދަންޖެހެއެވެ.

 

 

ކޮމެންޓް