ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ދިވެހި ރައްޔިތުންނަށް ދޫކުރާ ރޯދަ ހަދިޔާ ކަމުގައިވާ މަސްދަޅު ކޭސް ހޯދުމަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކިޔޫއެއް ދަމާލައިފިއެވެ.
1446 ވަނަ އަހަރު ރަމަޟާން މަހަށް ގޭބީސީތަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް ބަހަން ފަށާފައިވަނީ ފެބްރުއަރީ 20 ވަނަ ދުވަހުގެރޭ 8:30 ގައެވެ. ނަމަވެސް ގަޑި ޖެހުމުގެ މާކުރިން ވަނީ ބޮޑު ކިޔޫއެއް ހަދާފައެވެ. މިކަމުގައި ގިނަބަޔަކު ވަނީ ޝަކުވާ ވެސް ކޮށްފައެވެ.
އެގޮތުން ނަމްބަރު ދޫކޮށްގެން ބަހާކަން ދުރާލާ ނޭނގުމާއި، އިންތިޒާމުތައް އެންމެރަނގަޅު ނޫން ކަމަށް ބުނާ މީހުން ވެސް އުޅުނެވެ. އަދި އިންތިޒާމުތަކާ ހިތްހަމަޖެހި، އުފާކުރި ބަޔަކު ވެސް އުޅުނެވެ.
މި މަސައްކަތް ކުރައްވާ، އެސްޓީއޯ އިން ވިދާޅުވެފައިވަނީ މި މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ދޫކުރާނެ ކަމަށާއި އިންތިޒާމުތައް ރާވާފައިވަނީ ކުރީ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް ކަމަށެވެ. އެގޮތުން މިއަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނޭގޮތަށް ކަންކަން ރާވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެ ކުންފުނިން ވިދާޅުވީ ހަދިޔާ މަސްދަޅު ބެހުން މިއަދު ނޯންނާނެ ކަމަށާއި ނަމަވެސް ފެބްރުއަރީ 22 ވަނަ ދުވަހު ހެނދުނު 10 ން ހަވީރު 4 ޖަހަންދެން އަދި ރޭގަނޑު 8:30 ން 11 ޖަހަންދެން ދޫކުރާނެ ކަމަށެވެ. އަދި 23 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހަށް ދޫކުރާނީ މެންދުރުފަހު 2:30 ން އިރުއޮއްސި 6 އަށް އަދި ރޭގަނޑު 8:30 ން 11 ޖަހަންދެން ކަމަށެވެ.
މަސްދަޅު ކޭސް ބަހާ ސަރަހައްދުތަކަކީ މާލޭގައި މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް އަދި ވިލިމާލޭގައި ވެމްކޯ ސައިޓުގައެވެ. ހުޅުމާލެ ފޭސް-1 ގައި އުމަރު ޒާހިރު ބިލްޑިންގ އަދި ހުޅުމާލެ ފޭސް-2 ގައި ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރުގައެވެ.