ރާއްޖެ

އިޖްތިމާއީ އަދުލަކީ ސުލްހަވެރި ފާގަތި ގައުމެއްގެ މައިގަނޑު އަސާސް: ޑރ. ހައިދަރ

އިޖްތިމާއީ އަދުލަކީ ސުލްހަވެރި ފާގަތި ގައުމެއްގެ މައިގަނޑު އަސާސް ކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު ވިދާޅުވީ މިކަން ސާބިތުވަނީ މަސައްކަތްތެރިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ޔަގީންކުރުމަށާއި ހުރިހާ ދާއިރާއެއްގައި ވެސް މިންތީގެ ހަމަހަމަކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތުން ކަމަށެވެ. އަދި މުޖުތަމައުގެ ބައިވެރިވުމާއި މަޝްވަރާގެ ތެރެއިން ރަނގަޅު ވަޒީފާގެ ފުރުސަތުތައް ރައްޔިތުންނަށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތުންކަމަށެވެ.

 

މީގެއިތުރުން އިޖްތިމާއީ އަދުލުވެރިކަން ހާސިލުކުރުމަށްޓަކައި ކޮންމެ ރައްޔިތެއްގެވެސް ބައިވެރިވުން މުހިންމުކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ މިއަސާސްގެ މައްޗަށް ބިނާވާ މުޖުތަމައެއް އުފެއްދުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

 

އެގޮތުން މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާއެކު، ޒުވާނުންގެ ހުނަރާއި ގާބިލުކަން ޒަމާނާއެއްވަރަށް ތަރައްގީކުރުމަށް ސަރުކާރުން އަޒުމު ކަނޑައަޅާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިންތީގެ ހަމަހަމަކަން ކުރިއެރުވުމާއި، އެކަހެރިވެ ބާކީވެފައިވާ ކުދި މުޖުތަމައުތައް ބާރުވެރިކުރުވުމާއި ދެމެހެއްޓެނިވި ތަރައްގީއާއި، މޫސުމީ ބަދަލުތަކަށް ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ވެސް ސަރުކާރުން މެދުކެނޑުމެއްނެތި ވަކާލާތު ކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.

 

މިނިސްޓަރު ވިދާޅުވީ އިޖްތިމާއީ އަދުލުގެ ދުވަސް ފާހަގަކުރަމުންދާއިރު، އިއްޒަތާއި އިންސާފުވެރިކަމާއި ހަމަހަމަކަން ގާއިމުވެފައިވާ މުޖުތަމައެއް އުފެއްދުން ވެސް މުހިންމުކަމަަށެވެ.


ކޮމެންޓް