ރާއްޖެ

އީދު އަލި: މިފަހަރު ކޮންމެ އަތޮޅަކުން އިތުރު ދެރަށަށް

އީދާ ދިމާކޮށް ކުރިއަށް ގެންދާ "ޢީދު އަލި" ހަރަކާތުގެ ތެރެއިން ކުރިއަށްއޮތް ފިތުރު އީދުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް އިތުރު ދެރަށް ދިއްލާލުމަށް ނިންމައިފިއެވެ.

 

މިކަން ހާމަކުރައްވާ ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވަނީ ފައިބެއަހަރު ކުރިއަށްގެންދިޔަ ގޮތަށް ޢީދު ހަރަކާތްތައް މިފަހަރުވެސް ކުރިއަށްގެންދިޔުމަށް ނިންމާ، އެކަމަށް ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވެފައެވެ.

 

މިދިޔަ އަހަރު މާލޭގެ އިތުރުން ކުރިއަށްގެންގޮސްފައިވަނީ ކޮންމެ އަތޮޅެއްގެވެސް ވެރިކަންކުރާ ރަށުގައެވެ.

 

މިނިސްޓަރު ވިދާޅުވީ އީދު އަލި ހަރަކާތުގެ ތެރެއިން ދިއްލާލުމަށް ގިނަ ރަށްރަށުން ބޭނުންވެގެން އެދެމުންދިޔަ ކަމަށާއި މިފަހަރު އަލަށް ދިއްލާ ރަށްތަށް ކަނޑައަޅާފައިވަނީ އާބާދީގެ ނިސްބަތަށްވެސް ބަލައިގެންކަމަށެވެ.

 

މިއީ ރައްޔިތުންގެ ތަރުހީބު ލިބިފައިވާ ހަރާކާތަކަށްވުމާއި އެކަމަށް ހަދިޔާކުރާ ލައިޓްތަކަކީ ރަށްރަށާއި ކައުންސިލްތަކަށް އެއްފަހަރަށްވުރެ ގިނަ ފަހަރު އެކި ކަންކަމަށް ބޭނުން ކުރެވޭނެ ތަކެއްޗަށްވުމުން ރައްޔިތުންގެ ހިންހަމަޖެހުމަށް ކުރާ އެފަދަ ހޭދައަކީ މުހިއްމު ހޭދައެއްކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

 

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާ އެއްގޮތަށް އީދަށް ދިއްލާލުމަށް ކުރިއަށްގެންދާ ހަރަކާތް އެންމެ ފުރަތަމަ މާލޭގައި ކުރިއަށްގެންގޮސްފައިވަނީ އެމަނިކުފާނު މާލޭގެ މޭޔަރުކަމުގައި ހުންނަވި ދުސްވަރުގައެވެ. 

 

 

ކޮމެންޓް