އެންމެންނަށް އަދުލުވެރި މުސްތަގްބަލެއް ކަށަވަރު ކުރެވޭނީ އެކުގައި މަސައްކަތްކޮށްގެން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ އިޖުތިމާއީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.
މި މެސެޖުގައި އިންސާފުވެރިކަމާއި، ހަމަހަމަކަމާއި، އަދާލަތު ކުރިއެރުވުމުގެ އަޒުމުގައި ހުންނެވިކަން ހާމަކުރައްވާފައި ވެއެވެ. އަދި އިޖުތިމާއީ އަދާލަތާއި ދެމެހެއްޓެނިވި ވެއްޓެއްގެ މައްޗަށް އެކުލެވިގެންދާ ދުނިޔެއެއް ގާއިމުކުރުމަށް ކުރައްވާ މަސައްކަތުގައި ވެސް ސާބިތުކަންމަތީ ދެމިހުންނެވިކަން ވަނީ ހާމަކުރައްވާފައެވެ.
މި އަހަރުގެ ޝިޢާރު "ސްޓްރެންތެނިންގ އަ ޖަސްޓް ޓްރާންޒިޝަން ފޯ އަ ސަސްޓެއިނަބަލް ފިއުޗަރ" އަކީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ، ކުޑަ، ޖަޒީރާ ގައުމެއްގެ ގައުމީ އަހަންމިއްޔަތުތަކާއި، ބައިނަލްއަގްވާމީ އުންމީދުތަކާ ގުޅިލާމެހިފައިވާ ޝިއާރެއްކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި އިގްތިސާދީ ތަރައްގީގެ ހަލުވި ފިޔަވަޅުތަކާ އެއް ހަމައެއްގައި ދެމެހެއްޓެނިވި ވެއްޓެއް ކަށަވަރުކުރުމުގައި ހުރި ގޮންޖެހުންތަކަށް މި ޝިއާރުން އިޝާރާތްކުރާކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
2024 ވަނަ އަހަރުގެ ޖުލައި މަހު، ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސްގެ މެންބަރުކަން ލިބިފައިވާ ރާއްޖެއިން މަސައްކަތްކުރާނީ، އިޖުތިމާއީ ވިލުންތެރިކަން އިތުރުކޮށް، ސެކްޓަރުތަކުގެ މެދުގައްޔާއި ސިޔާސަތުތައް އެކުލަވާލުމުގައި އެއްބާރުލުން އިތުރުކޮށްގެންނާއި މަޝްވަރާ އިސްކޮށްގެން އެކުގައި ކުރާ މަސައްކަތުން، އިޖުތިމާއީ އަދާލަތު ކުރިއަރުވައި ތަމަންދުން ހިއްސާކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.