ރާއްޖެ

އަރްޝީފުކުރުމާއި ރެކޯޑް މެނޭޖުކުރުމަށް ސައުދީގެ އެހީތެރިކަން

އަރުޝީފުކުރުމާއި ރެކޯޑް މެނޭޖްކުރުމުގެ ދާއިރާއިން އެހީތެރިވުމާއި އެއްބާރުލުމަށް ރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

 

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުގެ ޑި ރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އަރކައިވްސް މުޙައްމަދު ޢާމިރު އަޙްމަދެވެ. ސައޫދީ އަރަބިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސެންޓަރ ފޮރ އަރކައިވްސް އެންޑް ރެކޯޑްގެ ޑިރެކްޓަރ ޖެނެރަލް ޑރ. ފައިޞަލް ޢަބްދުލްޢަޒީޒު ތަމީމީއެވެ.

 

މިއީ ދުނިޔޭގެ އިސްލާމީ ގައުމުތަކުގެ އިސްވެރިންގެ މަހާސިންތާގައި ބައިވެރިވަޑައިގެންނެވުމަށްޓަކައި އާމިރު، ސައޫދީ އެރެބިޔާގެ ރިޔާޒަށް ކުރެއްވި ދަތުރުގެ ތެރެއިން ދެ އިދާރާގެ ދެމެދުގައި ގާއިމުވި ގުޅުންތަކުގެމައްޗަށް އެކުލަވައިލެވުނު އެއްބަސްވުމެކެވެ.

 

މި އެއްބަސްވުމުގައި ސޮއިކުރެވުނީ މި މަހު 16 އިން 18 އަށް ސައޫދީ އެރެބިޔާގެ ރިޔާޒުގައި އޮތް "އަރކައިވްސް އިން ދަ ޑިޖިޓަލް އޭޖް" ކޮންފަރެންސްގެ ހަވާސާގައި ސައޫދީ އެރޭބިޔާގެ ވެރިރަށް ރިޔާޒުގައެވެ.

 

މި ރަސްމިއްޔާތުގައި ސައޫދީ އެރެބިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަޙްމަދު ސަރީރާއި ދުނިޔޭގެ އަރކައިވާ ބެހޭ މައި އިދާރާ، އިންޓަރނޭޝަނަލް ކައުންސިލް އޮން އަރކައިވް (އައިސީއޭ) ގެ ސެކްރެޓެރީ ޖެނެރަލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

މި އެއްބަސްވުމުގެ ދަށުން އަރުޝީފުކުރުމާއި އަރުޝީފީ ތަކެތި އިންޑެކްސްކުރުމާއި ރައްކާތެރިކޮށް ބެލެހެއްޓުމާއި ފޮޓޯއާއި ޗާޓާއި އޯޑިއޯވިޒައަލްސް ބެލެހެއްޓުމަށް ވެވުނު އެއްބަސްވުމެކެވެ. އަދި ދުވަސްވީ ތަކެއްޗަށް ފަރުވާދީ ބޭނުންކުރެވޭ ހާލަތަށް ގެނައުމާއި މި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

 

މީގެއިތުރުން އަރކައިވްކުރުމުގެ ސަގާފަތާއި ޒަމާނީ ގޮތްތަކާއި ކޮންސެޕްޓްތަކާއި ޓެކްނޮލޮޖީތަކާ ބެހޭ ގޮތުން އައު އިލްމާއި ތަޖުރިބާ ހިއްސާކުރުމާއި ސްޕެޝަލިސްޓުން ތަމްރީނުކުރުމަށް ނިންމާފައި ވެއެވެ.


ކޮމެންޓް