ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ދިވެހި ރައްޔިތުންނަށް ދޫކުރާ ރޯދަ ހަދިޔާ ދޫކުރަން ފަށާނީ މިރޭ ކަމުގައި އެސްޓީއޯ އިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން ވިދާޅުވީ 1446 ވަނަ އަހަރު ރަމަޟާން މަހަށް ގޭބީސީތަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް މިރެއިން ފެށިގެން މި މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ދޫކުރާނެ ކަމަށެވެ. އަދި ކުރީ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް މަސްދަޅު ކޭސްތައް ބަހާ ވަގުތާއި މަރުކަޒުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މިއަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނޭގޮތަށް ކަންކަން ރާވާފައިވާ ކަމަށް ވިދާޅުވެއެވެ.
އެސްޓީއޯ އިން ވިދާޅުވީ މިހަރަކާތް ފެށުމަށް މިހާރުނިންމާފައިވަނީ މިރޭ 8:30 ގައި ކަމަށެވެ. އަދި މިރޭ 11 ޖަހަންދެން ކުރިއަށްދާނެ ކަމަަށް ވިދާޅުވެއެވެ. ނަމަވެސް މާދަމާ މި ހަރަކާތް ނޯންނާނެ ކަމަށް އެސްޓީއޯ އިން ވިދާޅުވެއެވެ.
އެ ކުންފުނިން ވިދާޅުވީ ފެބްރުއަރީ 22 ވަނަ ދުވަހު ހެނދުނު 10 ން ހަވީރު 4 ޖަހަންދެން އަދި ރޭގަނޑު 8:30 ން 11 ޖަހަންދެން ދޫކުރާނެ ކަމަށެވެ. އަދި 23 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހަށް ދޫކުރާނީ މެންދުރުފަހު 2:30 ން އިރުއޮއްސި 6 އަށް އަދި ރޭގަނޑު 8:30 ން 11 ޖަހަންދެން ކަމަށެވެ.
މަސްދަޅު ކޭސް ބަހާ ސަރަހައްދުތަކަކީ މާލޭގައި މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް އަދި ވިލިމާލޭގައި ވެމްކޯ ސައިޓުގައެވެ. ހުޅުމާލެ ފޭސް-1 ގައި އުމަރު ޒާހިރު ބިލްޑިންގ އަދި ހުޅުމާލެ ފޭސް-2 ގައި ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރުގައެވެ.