ރާއްޖެ

ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނުވެރިކަމާއި ހުނަރުތައް ދެނެގަތުމުގެ ދިރާސާއެއް

ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނުވެރިކަމާއި ހުނަރުތައް ދެނެގަތުމުގެ ދިރާސާއެއް ހަދައިފިއެވެ.

 

ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނުވެރިކަމާއި ހުނަރުތައް ދެނެގަތުމުގެ ގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އާއި ވަރލްޑް ބޭންކް ގުޅިގެން ކުރިއަށް ގެންދާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް" (ސެއިލްސް) މަޝްރޫއުގެ ދަށުން އިގްތިސާދީ ދާއިރާތަކަށް ބޭނުންވާ ފަންނުވެރިކަމާއި މަސައްކަތުގެ ހުނަރުތައް ދެނެގަތުމަށްޓަކައި ހިންގި ދިރާސާއެކެވެ.

 

މި ދިރާސާގެ އަމާޒަކަށް ވެފައިވަނީ ހޯދުންތަކުގެ އަލީގައި ތަމްރީނުދޭ މުއައްސަސާތަކުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއި ވަޒީފާދޭ ފަރާތްތަކުން ބޭނުންވާ ހުނަރުތަކާ ދެމެދު ހުރި ފަރަގު ދެނެގަނެ، ރާއްޖޭއަށް ބޭނުންވާ އިލްމާއި މަސައްކަތުގެ ހުނަރު ދަސްކޮށްނިދުމުގެ މަގުޗާޓެއް އެކުލަވާލުމެވެ.

 

މިއަދު މިކަމުގައި ޝާމިލްވާ މުހިއްމު މުއައްސަސާތައް ހިމެނިގެން މިފެށޭ މަސައްކަތް ގުޅިފައިވަނީ ސަރުކާރުގެ އަމާޒެއްކަމުގައިވާ ހުރިހާ ދިވެހިންނަށް ވަޒީފާ ފަހިކުރުމުގެ ސިޔާސަތާއެވެ. މިގޮތުން ވަޒީފާގެ ފުރުސަތު ފަހިކުރުމުގެ ސިޔާސަތުތައް ފުރިހަމަ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކަށައެޅުމަށްޓަކައި ކުރެވިފައިވާ މި ދިރާސާގައި މުޅި ރާއްޖެ ހިމެނޭހެން އިގްތިސާދީ 7 ދާއިރާއަކުން މައުލޫމާތު އެއްކުރެވިފައިވެއެވެ.

 

އެ މިނިސްޓްރީން ވިދާޅުވީ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ބޭނުންތަކާއި ވަޒީފާ ހުށަހަޅާ ފަރާތްތައް – ޖޮބް ސީކާރސް އަދި އެމްޕްލޯޔަރސް ގުޅުވާލަދިނުމަށްޓަކައި ބޭނުންވާ ކަންތައްތައް މިދިރާސާގެ އަލީގައި ފެންމަތި ކުރެވިފައިވާ ކަމަށެވެ.

 

މި ހޯދުންތަކުގެ އަލީގައި ދިގު ރާސްތާގައި ދެވިދާނެ ހިސާބެއް ކަނޑައެޅުމަށާއި ކުރު މުއްދަތުގައި، މިހާރުވެސް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ ކަމާގުޅޭ ޢަމަލީ މަސައްކަތްތައް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް ވިދާޅުވެއެވެ. އަދި މި މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ ތައުލީމީ ދާއިރާގައި ބައިވެރިވާ ހުރިހާ ފަރާތްތައް ސާމިލްކޮށް، އެފަރާތްތަކުގެ ތަޖްރިބާއާ މަޝްވަރާތަކާއެކު، ކުރިމަގުގައި ތަމްރީނު ޕްރޮގްރާމްތައް މުއްސަނދިކުރުމަށް އެޅިދާނެ ފިޔަވަޅުތައް ފާހަގަކުރުމެވެ. 

 


ކޮމެންޓް