ރާއްޖެ

ރާއްޖެއާއި ސިންގަޕޫރުގެ ސިޔާސީ ގުޅުމަށް 50 އަހަރު

ރާއްޖެއާ ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ މުނާސަބަތުގެ ހެޔޮއެދުންތައް އެގައުމުގެ ރައީސްއަށާއި ބޮޑުވަޒީރަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

 

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ގާތް ގުޅުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް ވިދާޅުވެފައި ވެއެވެ.

 

މީގެއިތުރުން ދެ ގައުމުގެ ކުރިމަގަށް މުހިންމު އެކިއެކި ފުރުސަތުތައް ހޯދުމަށް ދެގައުމު ގުޅިގެން މުސްތަގުބަލުގައި މަސައްކަތް ކުރުމުގެ އުންމީދު އެ މަނިކުފާނު އައުކުރެއްވިއެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކާއި ވިޔަފާރީގެ ގުޅުމަށް އިޝާރާތް ކުރައްވާ، ވަނީ ދެ ގައުމުގެ ސިޔާސީ ގުޅުންތައް ބަދަހި ކުރުމުގައި ވޭތުވެދިޔަ އަހަރުތަކުގައި ދެ ގައުމުގެ މަތީ ފަންތީގެ މުއާމަލާތްތައް އިތުރުވެފައިވުމަކީ މިކަން ފަހިވުމަށް އެންމެ ބޮޑު ދައުރެއް އަދާކުރި ކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ.

 

ރައީސް ވަނީ ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ވޮންގްއަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން އަދި އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައެވެ.

 

ރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. 

 

 

ކޮމެންޓް