ރާއްޖެ

ރޯދަ ސާފުގެ ނަމުގައި ފުވައްމުލަކު ސިޓީ ސާފުކުރުމުގެ ބޮޑު ހަރަކާތެއް

ރޯދަ ސާފުގެ ނަމުގައި ފުވައްމުލަކުސިޓީ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ފެށިގެން ކުރިއަށްދާ ކަމަށް އެ ސިޓީގައި ހުންނަ ޕަބްލިކް ވާރކްސް ޔުނިޓުން ހާމަކޮށްފިއެވެ.

 

މި މަހުގެ 15 ވަނަ ދުވަހު ވަޒީރު އާދަމް ޝަރީފު ޢުމަރު މާލޭ ސިޓީގައި ފައްޓަވައިދެއްވި "ރޯދަ ސާފު" ހަރަކާތާ ގުޅިގެން ފުވައްމުލަކު ސިޓީ ސާފުކުރުމަށް ފުވައްމުލަކު ސިޓީގެ ޕަބްލިކް ވާރކްސް ޔުނިޓާއި، އެ ސިޓީގެ ވެމްކޯއާ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތް މި މަހުގެ 16 އިން 23 އަށް އެ ސިޓީގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

 

މި ހަރަކާތުގައި އެ ސިޓީގެ ގޯތިތައް ރޯދައާ ގުޅިގެން ސާފުކުރުމަށް ފަހު، އުކާލުމަށްޓަކައި ކުނިގޮނޑާހަމައަށް ގެންދަންޖެހޭ ކުނިބުނި އެއްވެސް އަގަކާ ނުލައި، އެ މުއްދަތުގެ ތެރޭގައި އުކާލަދިނުމުގެ ހިދުމަތް އެ ސިޓީގެ ވެމްކޯއާ ގުޅިގެން ޕަބްލިކް ވާރކްސް ޔުނިޓުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ސިޓީގައި ހުންނަ ޕަބްލިކް ވާރކްސް ޔުނިޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.

 

މިހާތަނަށް އައި އިރު ފުވައްމުލަކު ސީޓީގެ ވަރަށް ގިނަ ގޭގެއިން ވަނީ މި ހިދުމަތް ލިބިގަނެފައެވެ. އަދި މި ހިދުމަތަށް ބޭނުންވާ ފަރާތްތަކުން ޕަބްލިކް ވަރކްސް ޔުނިޓް ނުވަތަ ވެމްކޯއާ ގުޅައިގެން ހިދުމަތް ލިބިގަތުމަކީ "ރޯދަ ސާފު" ހަރަކާތް ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދާ ފަރާތްތަކުގެ ވަރަށް ބޮޑުއެދުމެކެވެ. 


ކޮމެންޓް