ރައްޔިތުންގެ މަޖިލީހުގައި މިއަދު ބާއްވަން އޮތް ޖަލްސާ މި މަހުގެ 24 ވާ ހޯމަ ދުވަހަށް ފަސްކޮށްފިއެވެ.
އިއްޔެގެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިއަދުގެ ޖަލްސާއެއް ބާއްވާނެ ކަމަށް އިއުލާނު ވެސް ކުރައްވާފައެވެ. އެހެންނަމަވެސް މިއަދުގެ ޖަލްސާ ފަސްކުރި ސަބަބެއް އަދިހާމައެއް ނުކުރައްވައެވެ.
މިއަދުގެ ޖަލްސާ ފަސްކުރިއިރު، އަންނަ ރޯދަމަހު މަޖިލިސް ޗުއްޓީއަށްދާ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވަނީ ހުށަހަޅުއްވާފައެވެ.
ރިފާއު ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ އާއްމު ކޮމިޓީއަށް ފޮނުވައި، އެ ކޮމިޓީން ދިރާސާ ކުރުމަށްފަހު، އެގޮތަށް ގަވާއިދު ބަދަލުކުރުމަށް، ޕީއެންސީ މެންބަރުން ވޯޓު ދެއްވައިގެން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފާސްކޮށްފައެވެ. އެކަމަކު ކޮމިޓީގައި އިންނެވި އިދިކޮޅު އެމްޑީޕީ މެންބަރުން ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ.
މަޖިލިސް ގަވާއިދުގެ 24 ވަނަ މާއްދާއަށް ރިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ، މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ބަދަލު ކުރުމަށެވެ. އަދި ދެވަނަ ދައުރު އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ބަދަލު ކުރުމަށެވެ.
މީގެއިތުރުން ތިންވަނަ ދައުރު ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް، ކުރިއަށް ގެންދިއުމަށްފަހު މަޖިލިސް ޗުއްޓީއަށް ދިއުމަށް ވަނީ ހުށަހަޅުއްވާފައެވެ.