މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އިން ފޯރުކޮށްދޭ ހިދުމަތްތައް އަވަސްކޮށް، ފަސޭހަކުރުމަށް ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފިއެވެ.
ތެލަސީމިއާ ބަލި ހުންނަ ކުދިންނާއި މީހުންނަށް ހިދުމަތްދޭ އެމްބީއެސް އިން ބުނީ ހޮޓްލައިން ނަންބަރު 7333645 އިން އެ އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކުގައި މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ. އަދި ވައިބަރ އާއި ވަޓްސްއެޕް މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.
އެމްބީއެސް އިން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8 ން ރޭގަނޑު 9 ޖަހަންދެން ހިދުމަތްދެއެވެ. ޑޮކްޓަރަށް ދެއްކުން ހެނދުނު 8 ން ރޭގަނޑު 8:30 އަށް އޮންނައިރު، ތެލަސީމިއާއަށް ސްކްރީން ކުރާނީ ހެންދުނު 8:30 ން މެންދުރު 1 ޖަހަންދެެވެ. އަދި ލޭ ހަދިޔާ ކުރުމަށް ކަނޑައަޅާފައިވަނީ ހެނދުނު 8 ން ރޭގަނޑު 7:45 އަށެވެ.
މާލޭގައި މީގެކުރިން ހުރި ތެލެސީމިއާ ސެންޓަރު، ބާވެފައިވާތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު އެތަން މިހާރުވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކޮށްފައެވެ.
ހެލްތު މިނިސްޓްރީއާއި އެމްބީއެސްގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 2023 ގެ ނިޔަލަށް ތެލަސީމިއާ ބަލި ހުންނަ 659 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.