ޚަބަރު ރާއްޖެ

ހެޔޮވެރިކަމާއި ދެމެހެއްޓެނިވި ތަރައްގީގެ މަގުގައި ރާއްޖެ ސާބިތުވެ، ދެމިއޮންނާނެ: ޑރ. ވަހީދު

ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން، ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސް (އީ.އީ.އޭ.އެސް)ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ފޮރ ޕޮލިޓިކަލް އެފެއާޒް، ހިޒް އެކްސަލަންސީ މިސްޓަރ އޫލޮފް ސްކޫގްއާ ބައްދަލުކުރައްވައިފިއެވެ.

 

މި ބައްދަލުކުރެއްވުން އޮތީ ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގ 2025 ގެ ހަވާސަގައެވެ.

 

މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ ވަޙީދު ދެއްކެވި ވާހަކަފުޅުގައި ހެޔޮވެރިކަމާއި، ޑިމޮކްރަސީ އަދި ދެމެހެއްޓެނިވި ތަރައްގީގެ މަގުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަންދެއްވިއެވެ.

 

މީގެއިތުރުން ގަވަނަންސްއާއި ސަލާމަތީ ގޮތުން އެއްބާރުލުންދިނުން ފަދަ ދާއިރާތަކުން، ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) އިން ދިވެހިރާއްޖެއަށް ދާއިމީ ގޮތެއްގައި ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރައްވާ، އެކަމަށްޓަކައި އެ އިއްތިހާދަށް ޝުކުރުއަދާކުރެއްވިއެވެ.

 

މިސްޓަރ ސްކޫގް ދެއްކެވި ވާހަކަފުޅުގައި ސަރަހައްދީ ސުލްހަ މަސަލަސްކަން ގާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ، އެކަމުގެ ސަބަބުން އީ.ޔޫ އަށް ފޯރާނެ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ގިނަ ގައުމުތައް ހިއްސާވާ ޕްލެޓްފޯމްތަކުގައިގުޅުން ބަދަހިކުރެވޭނެ އިތުރު ފުރުސަތުތަކެއް ހޯއްދެވޭނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

 

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެފަރާތުން ވެސް ވަނީ ބައިނަލްއަގުވާމީ ދާއިރާތަކުން ދެފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުންދިނުމާއެކު ދިވެހިރާއްޖެއާއި އީޔޫއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

 

 


  • ރައީސް ޑރ. ވަހީދު
  • ކޮމެންޓް