ޚަބަރު ރާއްޖެ

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އަމަންއަމާންކަން ޔަގީންވެއްޖެ

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ.

 

އެމަނިކުފާނު މިކަން އިޢުލާންކުރައްވާފައިވަނީ، ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ގަމު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

 

ރައީސް ވިދާޅުވީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި އެއްވެސް ވަރަކަށް ފުލުހުންގެ ހިދުމަތް ނެތް 66 ރަށް އޮތްކަމަށެވެ. އަދި އެފަދަ ރަށްރަށުގެ މީހުން ފުލުހުންގެ ޚިދުމަތަށް ބަރޯސާވާން ޖެހިފައި ތިބީ އަވަށްޓެރި ރަށްރަށަށް ކަން ފާހަގަކުރެއްވިއެވެ.

 

މީގެއިތުރުން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ފުލުހުންގެ އަމިއްލަ އިމާރާތުގައި ހިދުމަތްދެނީ އެންމެ 17 ރަށުގައި ކަމަށާއި އަމިއްލަ އިމާރާތް ނެތުމުގެ ސަބަބުން ހިދުމަތް ދިނުމުގައި ދަތި އުނދަގޫތައް ކުރިމަތިވަމުންދިޔަކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިއަހަރު ނިމޭއިރު، 130 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

 

ފުލުހުންގެ ހިދުމަތަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ގަބޫލުފުޅުކުރައްވާ ކަމަށާއި މި ދައުރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތުގައި ގާއިމުވެ ތިބެ، ފުލުހުން ހިދުމަތްދެމުން ގެންދާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޢިއްޒު ދެއްވިއެވެ.

 


  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • ކޮމެންޓް