ޒުވާން ދިވެހި ހުނަރުވެރިންނާއެކު ދިރާގު x އައިސިކް މިއުޒިކް ޝޯވ މާދަމާ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
ދިރާގުން ބުނީ މި ޝޯވ އޮންނާނީ މާދަމާ ރޭ 8 ޖަހާއިރު، ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) އަށް ފަހު، އެ ދުވަހުގެ ރޭ ކުރިއަށްގެންދާ މި މިއުޒިކް ޝޯވ ގައި ފޯރިގަދަ ހުނަރުވެރި ދިވެހި ފަންނާނުންތަކެއް ވަނީ ހިމަނައިފައެވެ. މީގެތެރޭގައި، ޑީޖޭ މީކާ، ޕްރޮޖެކްޓް ގްރޫވް، ވިނަވި، ޒެޑޭސިސް އަދި ސާދަ ތިރީސް އަށެއް ހިމެނެއެވެ.
މީގެއިތުރުން މި ޝޯވ ހިނގަމުންދާ ވަގުތު ދިރާގު ގޭމަރސް ގިލްޑި އިން ގޭމިންގ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތަކުގައި އާންމުނަށް މުޅިން ހިލޭ ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި، "ކިންގ އޮފް ހިލް" ޗެލެންޖުގައި ބައިވެރިވެގެން ތިން މެޗުން ޖެހިޖެހިގެން މޮޅުވާ ކުޅުންތެރިންނަށް މިނީސޯގެ ވަން ޕީސް ކަލެކްޝަންގެ ހާއްސަ އިނާމެއް ލިބިގެންދާނެއެވެ.
ދިރާގު x އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑަކީ ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ، ދަރިވަރުންގެ މެދުގައި މަގުބޫލު ކާޑެކެވެ. މި ކާޑަކީ ދުނިޔޭގެ 130އަށް ވުރެ ގިނަ ގައުމުން ބަލައިގަންނަ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 150،000އަށް ވުރެ ގިނަ ޑިސްކައުންޓްތަކާއި އެހެނިހެން ފައިދާތައް ލިބިގެންދާ ކާޑެކެވެ.
މީގެތެރޭގައި ދިވެހިރާއްޖޭގެ 50 އަށްވުރެ ގިނަ އައުޓްލެޓްތަކުން ޑިސްކައުންޓްތަކާއި ދަރިވަރުންނަށް ހާއްސަ ދިރާގު ހޮޓްޑީލް ހިމެނެއެވެ. ރާއްޖޭގައި ކިޔަވާ 18 އަހަރުން މަތީގެ ދަރިވަރުންނަށް ހާއްސަކުރެވިފައިވާ މި ކާޑު މެދުވެރިކޮށް އަހަރަކު އެންމެ 100 ރުފިޔާގެ ސަބްސްކްރިޕްޝަނަކުން މި ހުރިހާ ފައިދާތަކެއް ލިބިގެންދާނެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ދުވުން ކަމުގައިވާ، ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ 16 ވަނަ އެޑިޝަންގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 4،500 އަށްވުރެ ގިނަ ދުވުންތެރިން ވަނީ މިއަހަރު ރަޖިސްޓަރީކޮށްފައެވެ. މިދުވުމުގެ އިތުރުން، އެ ދުވަހު ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކުލަ ގަދަ ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައިވަނީ ދުވުމުގެ ބައިވެރިންނާއި ފަންނާނުންނާއެކު ދިރާގު x އައިސިކް މިއުޒިކް ޝޯވއަކާ އެކުގައެވެ.