ޚަބަރު ރާއްޖެ

ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާ ގުޅޭގޮތުން އެފްއޭއޯ އާއެކު މުހިންމު މަޝްވަރާތަކެއް

އެގްރިކަލްޗަރ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ، ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ )ގެ ޑިރެކްޓަރ ޖެނެރަލް، މިސްޓަރ ޗޫ ޑޮންގްޔޫ އާ ބައްދަލުކުރައްވައިފިއެވެ.

 

އެފްއޭއޯގެ 44 ވަނަ ޖަލްސާގެ ހަވާސާގެ ތެރެއިން ބޭއްވި މި ބައްދަލުވުމުގައި ރާއްޖެއާއި އެފްއޭއޯ އާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް އެ ޖަމިއްޔާގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން އިތުރު ކުރެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރެއްވިއެވެ.

 

މީގެތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމާއި، ދަނޑުވެރިކަމުގެ ދާއިރާގައި އައު ގޮތްތައް ތައާރަފުކުރުމަށް އިސްކަން ދެއްވިއެވެ.

 

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މައިގަނޑު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

 

🔹 ދަނޑުވެރިކަމުގައި ޑިޖިޓަލް ޙައްލުތަކާއި އައު ގޮތްތައް - ޤައުމީ އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން، ޕްރެސިޝަން ފާމިންގ ޓެކްނިކްތަކާއި، ޑިޖިޓަލް ދަނޑުވެރިކަމުގެ ސްޓްރެޓެޖީތަކާއި، އައު އުފެއްދުންތެރި ނިޒާމުތައް ދެނެގަނެ ތަންފީޒުކުރުމަށް އެހީތެރިވުން.

 

🔹 މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލެވޭ ކާބޯތަކެތީގެ ނިޒާމުތައް - މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކާ ކުރިމަތިލުމަށް ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ ޤާބިލުކަން އިތުރުކުރުން.

 

🔹 ކެއުން ބުއިމުގެ ރަނގަޅު އާދަތަކަށް އަމާޒުކުރެވިފައިވާ ޕްރޮގްރާމްތައް - ނިއުޓްރިއެންޓްތަކުގެ މަދުކަން ޙައްލުކުރުމާއި، ރަށުގައި އުފައްދާ ތަކެތިން ސްކޫލް ކުދިންނަށް ރަނގަޅު ކާނާ ފޯރުކޮށްދިނުމާއި، މައިންނާއި ކުޑަކުދިންގެ ކެއުމުގެ ރަނގަޅު އާދަތަކަށް ބާރުއަޅާ މަސައްކަތްތަކަށް އެހީތެރިވުން.

 

🔹 ދެމެހެއްޓެނިވި ދަނޑުވެރިކަން - ހައިޑްރޮޕޯނިކްސް އާއި ވަޓިކަލް ފާމިންގ ކުރިއެރުވުމާއި، ޕެސްޓް މެނޭޖްމަންޓް އެކުގައި ކުރުމާއި، މޫސުމަށް ރައްޓެހި ޓެކްނިކްތަކާއި، މަސްވެރިކަމާއި އެކުއަކަލްޗަރގެ ކާނާ ކުރިއެރުވުން.

 

🔹 ޓެކްނިކަލް ޤާބިލުކަން އިތުރުކުރުން - އެކްސްޓެންޝަން މަސައްކަތްތެރިންނަށް ތަމްރީނު ދިނުމާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ނިޒާމުތައް ރަނގަޅުކުރުމާއި، ދަނޑުވެރިކަމުގެ މުޖުތަމަޢުތަކަށް ކެއުމުގެ ރަނގަޅު އާދަތަކާ ބެހޭ މަޢުލޫމާތު ދިނުން.

 

🔹 ޕެސްޓް އަދި ޕެސްޓިސައިޑް މެނޭޖްމަންޓް - ދެމެހެއްޓެނިވި ގޮތެއްގައި ޕެސްޓް ކޮންޓްރޯލްކުރުމާއި، ޕެސްޓިސައިޑް ނައްތާލުމާއި، ކުނި މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުން.

 

🔹 ދިގު މުއްދަތުގެ ކޮންސަލްޓަންސީ އެހީތެރިކަން - ދިރާސާކުރުމާއި މަޢުލޫމާތު ތަޙްލީލުކުރުން، އެގްރިބިޒްނަސް ތަރައްޤީކުރުން، ކާބޯތަކެތީގެ ރައްކާތެރިކަން، ދެމެހެއްޓެނިވި ދަނޑުވެރިކަން، އަދި ސިޔާސަތުތަކާ ބެހޭ ލަފާދިނުން ފަދަ މުހިންމު ދާއިރާތަކުގައި މާހިރުން ހޯދައި، 1-2 އަހަރުގެ މުއްދަތަކަށް މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވުން.

 

🔹 ދިވެހިރާއްޖޭގެ 10 އަހަރުގެ ދަނޑުވެރިކަމުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުން - ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރުވައި ބަދަލުކުރުމަށް މަގުދައްކައިދޭނެ ދިގު މުއްދަތުގެ ތަފްޞީލީ ސްޓްރެޓެޖީއެއް އެކުލަވާލުމުގައި އެއްބާރުލުން ދިނުން.

 

މި މަސައްކަތަކީ ރާއްޖެ އާއި އެފްއޭއޯ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދެމެހެއްޓެނިވި އަދި އެންމެންނަށް ފައިދާވާނެ ގޮތަށް ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤގީކުރުމަށް ކަނޑައަޅާފައިވާ ގައުމީ ލަަނޑުދަނޑިތައް ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

 

 


  • ޑރ. މަރްޔަމް މާރިޔާ
  • އެގްރިކަލްޗަރ މިނިސްޓްރީ
  • ކޮމެންޓް