ހދ. މަކުނުދޫގައި ގާއިމް ކޮށްފައިވާ ގްރީންހައުސް އަށް ށ. އަތޮޅުގެ ބައެއް ރަށްތަކުގެ ދަނޑުވެރިން ޒިޔާރަތްކޮށްފިއެވެ.
މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމް (މެޕް) އިން ތައްޔާރުކޮށްފައިވާ މި ގްރީން ހައުސް އަށް ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 4 އަދި 5 ގައެވެ. އެގޮތުން ށ. ބިލެއްފަހި، ފޭދޫ އަދި ފީވަކުގެ ދަނޑުވެރިން ވަނީ ޒިޔާރަތްކޮށް ތަޖުރިބާ ހޯދާފައެވެ.
މިއީ ގްރީން ހައުސްގައި ދަނޑުވެރިކަންކުރުމަށް އަހުލުވެރިކުރުމަށްޓަކައި މެޕްގެ ފަރާތުން އިންތިޒާމް ކުރި ދަތުރެކެވެ. މި ދަތުރުގައި ގްރީންހައުސްގައި ދަނޑުވެރިކަން ކުރާގޮތާއި އޭގެ ފައިދާ އާއި މަސައްކަތުގައި ހަރަކާތްތެރިވާގޮތް މަކުނުދޫގެ ދަނޑުވެރިންގެ ފަރާތުން ދަތުރުގެ ބައިވެރިންނަށް ހިއްސާކޮށްފައި ވެއެވެ.
މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމް (މެޕް) އިން އަންނަނީ ރާއްޖޭގައި ޒަމާނީ ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ގާއިމު ކުރުމަށްޓަކައި ދަނޑުވެރިންނަށް ތަފާތު ތަމްރީނާއި ހުނަރުތަކުގެ ޕްރޮގްރާމުތައް ހިންގަމުންނެވެ.
އެގޮތުން މިހާތަނަށް ރާއްޖޭގެ 12 ރަށެއްގައި ގްރީން ހައުސްތައް ގާއިމްކޮށްފައިވާއިރު، 11 ރަށެއްގައި ގްރީން ހައުސްތަށް ކާމިޔާބުކަމާއިއެކު އަންނަނީ ހިންގަމުންނެވެ.