ހުޅުމާލޭ ފޭސް 1 ގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ދުން އަރަމުންދާތީ ސަމާލުކަންދޭންވީ ކަންކަމުގެ އިރުޝާދު ހެލްތު ޕްރެޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ދިވެހި ފުލުހުންގެ ހިދުމަތުން ދެއްވައިފިއެވެ.
އެޗްޕީއޭ އިން ވަނީ ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުނިކުތުމަށާއި ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގައާއި ނޭފަތް ނިވާކުރުމަށް އެދިލައްވާފައެވެ. އަދި ނޭވާލާ ނިޒާމާއި ހިތުގެ ބަލިތައް ހުންނަ ފަރާތަތްކަށް ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވާ ކަމަށާއި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، ދުން ނުވަންނާނެހެން ބަންދުކުރުމަށް ވެސް ވަނީ އެދިލައްވާފައެވެ.
މީގެއިތުރުން ނޭވާ ކުރުވުން، ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އިލްތިމާސް ކުރައްވައެވެ.
ފުލުހުން ވިދާޅުވީ އެތަނުގައި ރޯވެ، ފެތުރެމުންދާ ދުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެހެންވެ، ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތް ކަމަށް ފާހަގަކުރައްވާފައި ވެއެވެ.
މީގެއިތުރުން މި ދަނޑިވަޅުގައި ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ ސަރަހައްދަށް ނުދިއުމަށް ފުލުހުން ވެސް އިލްތިމާސްކުރައްވައެވެ. އަދި އެ ސަރަހައްދަށް ދާ މީހުން މަގު ބޭނުންކުރާއިރު، ދުރު ނުފެންނާތީ ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ފުލުހުން ވަނީ އެދިލައްވާފައެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 6:48 ހާއިރު ކަމަށެވެ. ނަމަވެސް މި ހާދިސާގައި މީހަކަށް އަނިޔާއެއްވިކަމެއް ނުވަތަ އަލިފާން ރޯވެފައިވަނީ ކިހާވަރަކަށްކަމެއް އަދިހާމައެއް ނުކުރައްވައެވެ.