ޖުވާގެ ބާވަތްތައް ހަރާމްވީ މީސްތަކުންގެ މުދަލަށް ނުހައްގުން އަރައިގަނެވޭތީ ކަމުގައި ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
" ޖުވާއާއި އޭގެ އާމްދަނީ ހަރާމު" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ޖުވާކުޅެގެން ފައިދާވާ މީހާއަށް އެ ލިބެނީ ހަރާމް މުދަލެއްކަމަށާއި ޖުވާގެ ބާޒާރަށް ވަދެ، ހަރާމް ގޮތުގައި ފައިސާ ހޯދުމަށް ފަހު، މިކަމުން ސަލާމަތްވާން އެދޭ މީހުންނަށް އޮތީ ތައުބާވުން ކަމަށް ވަނީ ބުނެފައެވެ.
“ ޖުވާއަކީ ފައިސާ ބަހައްޓައިގެން ބަޔަކު މީހުންގެ މެދުގައި ކުޅެ، މޮޅުވާ މީހާއަށް ނުވަތަ ޓީމަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އެއިން ބައެއް ލިބޭ ގޮތަށް ކުޅޭ ކޮންމެ ކުޅިވަރެއް. މިއީ އިސްލާމް ދީނުގައި ހަރާމްކަމެއް."
ހުތުބާގައި ވަނީ ހަރާމް ގޮތުގައި ހޯދާ އެއްވެސް އެއްޗެއް، ކެއުމަށް ވެސް އަދި އެހެން ކަމަކަށް ވެސް ބޭނުންކުރުން ހުއްދަ ނުވާނެ ކަމަށާއި ސަބަބަކީ އެފަދަ އެއްޗެއް ކައިގެން ހަށިގަނޑުގައި އުފެދޭ މަހާއި ލެއަށް ހައްގުކަން ބޮޑީ ނަރަކަ ކަމުގައިވާތީ ކަމަށް ބުނެފައި ވެއެވެ.
މީގެއިތުރުން ކެއިންބުއިމާއި، ފޭރާންލުމާއި، ހަށިގަނޑަށް ލިބޭ ހަކަތައާއި ޣިޛާއަކީ ހަލާލު އާމްދަނީކަމުގައި ވުމަކީ ދުޢާ އިޖާބަކުރެއްވުން އަވަސްވާނޭކަމެއް ކަމުގައި ވެސް ބުނެފައި ވެއެވެ.