ޚަބަރު ރާއްޖެ

ތޮއްޑޫ ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންނަށް ސައިބަރ އެވެއަރނަސް ސެޝަންތަކެއް

އއ. ތޮއްޑޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ސައިބަރ އެވެއަރނެސް ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

 

މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ސައިބަރ ކްރައިމް ސެންޓަރާއި ތޮއްޑޫ ޕޮލިސް ސްޓޭޝަން ގުޅިގެން މި ޖުލައި މަހުގެ 11 އިން 12 އަށެވެ.

 

މި ސެޝަންތަކުގެ ތެރެއިން ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަނުގައި އިންޓަރނެޓް ބޭނުންކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާއި، އާންމުކޮށް ދަރިވަރުން ބޭނުންކުރާ އެޕްލިކޭޝަންތަކުގައި ހުންނަ ރަނގަޅު އަދި ނުރަނގަޅު ކަންތައްތައް ކިޔައިދީ ރައްކާތެރިކޮށް މި އެޕްލިކޭޝަންތައް ބޭނުންކުރާނެ ގޮތް ކިޔައިދީފައިވެއެވެ.

 

މީގެއިތުރުން އޮންލައިން ގޭމުތަކާއި އެހެނިހެން ޕްލެޓްފޯމްތަކުން ދިމާވާ ފަރާތްތަކަށް ޒާތީ މައުލޫމާތު ހިއްސާކުރުމުގައި ސަމާލުކަންދޭންވީ ކަންކަން ވެސް ކިޔައިދީފައިވެއެވެ. އަދި މި އެޕްތަކުގައި ޕްރައިވަސީ ސެޓިންގ ބޭނުންކުރާނެގޮތް ބުނެދީފައިވެއެވެ.

 

ހަމަމިއާއެކު ސޯޝަލް މީޑިއާގައި އެހެން މީހުނަށް އިހުތިރާމުކުރުމަށާއި، އެހެން މީހުންގެ އަގުވެއްޓޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

 

ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ސެޝަނުގައި ދަރިން ފޯނު ބޭނުންކުރާގޮތް ބަލާނެގޮތާއި އެ ކުދިންގެ ފޯނު ޗެކުކުރުމުގެ މުހިންމުކަން ކިޔައިދީފައިވެއެވެ. އަދި ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ރައްކާތެރިކޮށް ބޭނުންކުރުމާއި މިފަދަ ޕްލެޓްފޯމްތަކުގައި ހިއްސާކުރެވިދާނެ މައުލޫމާތާއި ހިއްސާނުކުރަންވާ މައުލޫމާތު އޮޅުންފިލުވައި ދީފައިވެއެވެ.

 

މީގެއިތުރުން މި އެޕްލިކޭޝަންތަކުގައި ހިމެނިފައިވާ ސޭފްޓީ ފީޗަރސްތައް ކިޔައިދީ މިހާރު ސައިބަރ ސްކޭމަރުން ބޭނުންކުރަމުންދާ އުކުޅުތަކާއި، އެ ކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ވަނީ ކިޔައިދީފައެވެ.

 

ރައްކާތެރިކޮށް އިންޓަނެޓް ބޭނުންކުރާނެގޮތް ރައްޔިތުންނަށް ބުނެދީ، ހޭލުންތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ފުލުހުން އަންނަނީ މިފަދަ ސިލްސިލާ ސެޝަންތައް ބާއްވަމުންނެވެ.

 

 


  • ތޮއްޑޫ
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • ކޮމެންޓް