ޚަބަރު ރާއްޖެ

800 އަށްވުރެ ގިނަ ފަރާތަށް ގުޅީފަޅު ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފި

800 އަށްވުރެ ގިނަ ފަރާތަށް ގުޅީފަޅު ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފިއެވެ.

 

ކޮންސްޓްރަކްޝަން މިނިސްޓްރީން އާންމުކުރައްވާފައިވާ މައުލޫމާތުން ހާމަވާގޮތުގައި 843 ފަރާތަކަށް ވަނީ ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައެވެ.

 

ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިން ހިންގި އިމާރާތުގައެވެ. އެ މިނިސްޓްރީން އަމާޒުހިފާފައިވަނީ ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށެވެ.

 

ރަޖިސްޓްރޭޝަންގެ މަސައްކަތް އަލުން ކުރިއަށްގެންދަނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީއެވެ. އެހެންވެ، ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައް ވެސް މިހާރުވަނީ ބަދަލުވެފައެވެ. ގޯތި ލިބޭ ފައިނަލް ޕްލޮޓް ކަނޑައަޅާފައިވަނީ މޭއިމަހުގެ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި ގުރުއަތުނެގުމުގައެވެ.

 

ރަޖިސްޓްރީއާއި ހަވާލުވާންދާއިރު، ގޯތި ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންޖެހެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް އަންނަނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލާއި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ވެސް ގެންދަންޖެހެއެވެ.

 

މީގެއިތުރުން މިނިސްޓްރީއާއި ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމާއި ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ އަސްލު ވެސް ގެންދަންޖެހެއެވެ.

 

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފެށީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.

 


  • ގުޅީފަޅު
  • ކޮންސްޓްރަކްޝަން މިނިސްޓްރީ
  • ކޮމެންޓް