ކަމަދޫ އަށް ބީއެމްއެލް އޭޓީއެމްގެ ހިދުމަތް

ބ. ކަމަދޫ ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.

 

މި ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ބ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެރަށަށް ވަޑައިގެން މި ހިދުމަތް ފައްޓަވައިދެއްވާ، އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. ރައީސްގެ އަރިހުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.



އޭޓީއެމް ހިދުމަތް ފެއްޓެވުމަށް ފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. ކަމަދޫ ކައުންސިލުގެ ފަރާތުން މިކާޑާއި ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް ޙަސަން ޒަރީރުއެވެ.

 

 

ކަމަދޫ ބަހައްޓާފައިވާ އޭޓީއެމުން ވެސް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާ ކުރުމުގެ ހިދުމަތް ލިބޭނެއެވެ. ސެލްފް ސަރވިސް މި އޭޓީއެމުން ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ވެސް ލިބޭނެއެވެ.

 

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދިނުމަށް ބީއެމްއެލްއާއި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫއުގެ ތެރެއިން މިހާތަނަށް 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ހިިދުމަތް ވަނީ ފަށާފައެވެ. އެގޮތުން ހއ. އަތޮޅާއި ށ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅާއި ކ. އަތޮޅުގައި ދަނީ މިހިދުމަތް ދެމުންެވެ.

 

މިއަހަރު ނިމޭއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 250 އަށްވުރެ ގިނަ އޭޓީއެމް އިން ހިދުމަތް ދެމުންދާނެ ކަމަށް ބީއެމްއެލް އިން ވަނީ ހާމަކުރައްވާފައެވެ.

 


  • ބީއެމްއެލް
  • ބ. އަތޮޅު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް