ދޮގުތެދު ބެލުމެއް ނެތި ފެންނަ ކޮންމެ ޚަބަރެއް ފެތުރުމުން ނުކުންނާނެ ނަތީޖާއަށް ވިސްނުމަށް ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
ހުތުބާގައި ކީރިތި ރަސޫލާ ކުރެއްވި ހަދީޘްފުޅެއްގެ މާނައިން ދަލީލު ނަގައި، ބުނީ އެއް މުސްލިމެއްގެ މައްޗަށް އަނެއް މުސްލިމެއްގެ ލެޔާއި މުދަލާއި އަބުރު ހަރާމްވެގެންވާ ކަމަށެވެ. އަދި މިހާރަކަށް އައިސް އެންމެ ގިނައިން ފެންނަ އެއް ކަމަކީ މީހުންގެ އަބުރަށް އަރައިގަތުންކަން ފާހަގަކޮށްފައި ވެއެވެ.
މީގެއިތުރުން މުއުމިނަކާ ބެހޭ ގޮތުން ތެދު ނޫން އެއްޗެއް ބުނި މީހަކު އެ މީހަކު އެބުނި އެއްޗަކުން ރުޖޫއަނުވެ ހުރެ މަރުވެއްޖެ ނަމަ މާތްﷲ އެ މީހަކު ނަރަކައިގެ އަހުލުވެރީންގެ ގައިން ނުކުންނަ 'ފާ' ދިޔައިގައި ވަޒަންވެރި ކުރުވާނެ ކަމުގައިި ވެސް ބުނެފައި ވެއެވެ.
{ތެދު ދޮގު ބެލުމެއް ނެތި ވާހަކަ ދެއްކުމުގެ ސަބަބުން މަޝްރިގާއި މަޣްރިބާ ދެމެދުގެ ދުރުމިނަށް ވުރެ ވެސް ފުނަށް އޭނާ ނަރަކައިގެ ތެރެއަށް ވެއްޓޭނެ.}
ހުތުބާގައި ވަނީ މިއީ ސޯޝަލްމީޑިއާގެ ޒަމާން ކަމަށާއި އެއީ ވައިރޯޅިއެއްފަދައިން ޚަބަރުތައް ފެތެރޭ ތަނެއްކަމަށެވެ. އެފަދަ މަންސަތަކުގައި ދައްކާ ވާހަކަތައް އަނެކާ އަށް ފޯރުކޮށްދެނީ އޭގައި ހިމެނެނީ ތެދުތޯ ނުވަތަ ދޮގުތޯ ވެސް ނުބަލާ ކަމަށް ބުނެފައި ވެއެވެ.
މީހަކު މީހެއް ކައިރިގައި ބުނާ ވާހަކައެއް ހަނދާން ނައްތާލަން ވަރަށް ފަސޭހާ ވެދާނެ ކަމަށާއި އެހެންނަމަވެސް މީސްމީޑިއާގެ ވަސީލަތްތަކަކީ އޭގައި ހިއްސާކުރާ ވާހަކަތައް އެތައް ޒަމާނަކަށް ދެމިހުންނަ ވާހަކަތައްކަން ވަނީ ފާހަގަކޮށްފައެވެ.