ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަނބުރާ ފޮނުއްވައިފިއެވެ.
6 އޮގަސްޓް ވީ ބުދަ ދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަސްދީގުކުރެއްވުމަށް ފޮނުއްވާފައިވާ މި ބިލު އަނބުރާ ފޮނުވާލެއްވީ ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެންނެވެ.
ރައީސް މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އާއި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިވަޑައިގެންފައިވާތީއެވެ.
ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ ވަށާޖެހިފައިވާ ގައުމީ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭ ހިދުމަތަކަށް ހެދުމަށްޓަކައި ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ވީހާވެސް ފުރިހަމަކަމާއެކީ ހާސިލުކުރެވޭނެ ގޮތަށް އެ ބިލު މުރާޖާކުރައްވައި ބިލަށް އިސްލާހު ގެންނަވަން ރައީސް އަށް ފެނިވަޑައިގަންނަވާތީ މި ބިލު އިސްލާހުކުރުމަށް އެ މަނިކުފާނު ވަނީ ނިންމަވާފައެވެ.
އެހެން ކަމުން ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިސްލާހުތަކާ މެދު ވިސްނުމަށް އެމަނިކުފާނު ވަނީ އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވީއެވެ.