ޚަބަރު ރާއްޖެ

ދެ ދުނިޔޭގެ ހަގީގީ ބާއްޖަވެރިކަމާއި އަމާންކަން ލިބޭނޭ ހަމައެކަނި މަގަކީ އިސްލާމް ދީން

މުޖުތަމައުގައި ފެތުރެމުންދާ އިސްލާމް ދީނާ ދުރު ކަންކަމާ މެދު ހޭލުންތެރިވުމަށް ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

 

ހުކުރު ހުތުބާގައި ވަނީ ދީނީ ތައުލީމަށް އިތުރު މުހިންމުކަމެއް ދޭން ވެއްޖެކަމަށާއި ދީނާ ބީރައްޓެހި ސަގާފަތްތަކުން ދުރުހެލިވެ، އިސްލާމީ ޝިއާރުތަކާއި ސަގާފަތްތައް ދިރުވައި އާލާކޮށް މުޖުތަމައުގެ އެންމެހައި އަފްރާދުންނަކީ ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން މަނާކުރާ ބަޔަކަށް ވާން ވެއްޖެކަމުުގައި ފާހަގަކޮށްފައެވެ.

 

މީގެއިތުރުން ދެ ދުނިޔޭގެ ހަގީގީ ބާއްޖަވެރިކަމާއި އަމާންކަން ލިބޭނޭ ހަމައެކަނި މަގަކީ އިސްލާމް ދީނުގައި ސާބިތުވެ، އިސްލާމީ ޝަރީއަތަށް ޢަމަލުކުރުމުންކަން ވަނީ ހަނދާންކޮށްދީފައެވެ.

 

"މިހާރަކަށްއައިސް ޒުވާނުންގެ ތެރޭގައި އިސްލާމްދީނާ ދުރު ސަގާފަތްތައް ފެތުރުމަށް އެތެރެއާއި ބޭރުން މަސައްކަތްކުރޭ. ކުރިއެރުމާއި ތަރައްގީކަމުގައި ބުނެ، އައުރަ ނިވައިނުވާ ގޮތަށް ދެޖިންސުގެ ޒުވާނުން ހެދުން އެޅުން ދަނީ އާންމުވަމުން.ފިރިހެނުން އަންހެނުން ގޮތަށް އަންހެނުން ފިރިހެނުން ގޮތަށް ހެދުން އެޅުމާއި ފިރިހެނުން ކަންފަތް ތޮރުފުމާއި ދެ ޖިންސުގެ ޒުވާނުން ޓެޓޫ ޖެހުމާއި ފިރިހެނުން އަންހެނުންނާ އެއް ގޮތްވާ ގޮތަށް އިސްތަށިގަނޑު ދިގުކުރުން ފަދަ ކަންކަން އާދައިގެ ކަންކަންކަމުގައި ދަނީ ހަދަމުން."

 

ހުތުބާގައި ބުނީ އިސްލާމް ދީނުގެ އަދުއްވުން ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި މުސްލިމުންނާއި އިސްލާމްދީނާ މެދު ދޮގުތައް ފަތުރައި، ޝައްކުތައް އުފައްދާ ކަމަށެވެ. އަދި ހިތާމައަކީ މިކަމުގެ ވިހަ އަސަރު ތައުލީމާއި ތަރުބިޔަތަށް ވެސް ފޯރާކަން ކަމުގައި ވެސް ބުނެފައި ވެއެވެ.

 

އިސްލާމީ ޝަރީއަތުގެ ސަބަބުން މުޖުތަމައެއް ބިނާވެ، އެ މުޖުތަމައަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށާއި އިސްލާމީ ޝަރީއަތުގެ ބިންގަލުގެ މަތީގައި މުޖުތަމައެއް ބިނާވުމުން މިނިވަންކަމާއި އަމާންކަމާއި ތަރައްގީއާއި ކުރިއެރުން އެ މުޖުތަމައަކަށް ލިބޭނެކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

 


  • ހުކުރު ދުވަސް
  • ހުކުރު ޚުތުބާ
  • ކޮމެންޓް