އަރިއަތޮޅު އުތުރުބުރި ތޮއްޑޫގައި ސާފުކުރުމުގެ ހަރަކާތެއް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.
އެރަށު ހޯޕް ޖަމިއްޔާއިން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ މިއީ އެރަށު މަލަމައްޗަކީ ސާފް މަލަމައްޗަކަށް ހެދުމަށް ކުރަމުންއަންނަ ސިލްސިލާގައި ހިމެނޭ ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށްދާނީ މާދަމާ މެންދުރު 2:15 ން ފެށިގެން އިރުއޮއްސި 6 ޖަހަންދެން ކަމަށެވެ.
މި ހަރަކާތް ރާވާފައިވާގޮތަށް ބަލާއިރު، ބައިވެރިވާ މީހުން 5 ޓީމަކަށް ބަހާލައިގެން ކުުރިއަށްގެންދިއުމަށް ނިންމާފައިވަނީ ވާދަވެރިކަމާއި އެކުވެރިކަމާއެކުގައި ކަމަށް ވެސް އެ ފަރާތުން މައުލޫމާތު ދެއެވެ. އަދި ބަނދަރު ސަރަހައްދުން ފެށުމަށް ނިންމާފައިވާއިރު، ފަޅުތެރެއާއެކު ސާފުކުމަށް ނިންމާފައިވާކަމަށް ވެސް ހޯޕް ޖަމްއިއްޔާ އިން ހާމަކުރެއެވެ.
އެ ޖަމްއިއްޔާ އިން ވަނީ ވީހާ ވެސް ގިނަ ފަރާތްތަކުން މިކަމުގައި ބައިވެރިވުމަށް އެދިފައެވެ. ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު މި ހަރަކާތްކުރިއަށް ގެންދާއިރު، އޭގެތެރޭގައި ލެގޫން ވިލާ މޯލްޑިވްސް، އޭ4އެސް މާޓް، ބޮނަކުއާ މޯލްޑިވްސް، ކްރިސްޓައްލޯ ޕްރައިވެޓް ލިމިޓެޑް، މޫ ސެސް މާޓް، ކޮކާކޯލާ ހިމެނެއެވެ.
މީގެއިތުރުން އެރަށު ކައުންސިލާއި ސްކޫލާއި ހެލްތު ސެންޓަރާއި ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީއާއި ސްޓެލްކޯއާއި ތޮއްޑޫ އިންޖީނުގޭގެ އެހީތެރިކަން ވެސް ލިބެއެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތާއި ތޮއްޑޫ ޑަބްލިއުޑީސީ އާއި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޔޫތް ޑިޕާޓްމެންޓަކީ ވެސް މި ހަރަކާތުގެ ބައިވެރިންނެވެ.
ތޮއްޑޫ ހޯޕް ޖަމްއިއްޔާ އިން އަންނަނީ އެރަށް ސާފުކޮށް ބޭއްވުމަށް ގިނަ ހަރަކާތްތަކެއް ރާވައި، ހިންގަމުންނެވެ. ސިލްސިލާކޮށް ކުރިއަށްގެންދާ މި ހަރަކާތްތައް މީޑިއާ އަށް ތިލަކޮށްދެނީ 'އޮއިވަރު' މީޑިއާ އާއި 'ވަރަ' ނޫހުންނެވެ.