އަރިއަތޮޅު އުތުރުބުރި ތޮއްޑޫގައި ސާފުކުރުމުގެ ހަރަކާތް މި މަހުގެ 30 ވާ ހޮނިހިރު ދުވަހަށް ބަދަލުކޮށްފިއެވެ.
މާދަމާ ބޭއްވުމަށް ނިންމި، މި ހަރަކާތް ހޮނިހިރު ދުވަހަށް ބަދަލުކުރި ވަކިސަބަބެއް ހާމައެއް ނުކުރެއެވެ. ހޮނިހިރު ދުވަހު މި ހަރަކާތް ބޭއްވުމަށް ނިންމާފައިވަނީ ހެނދުނު 8:30 ގައި އެރަށު ބަނދަރު ސަރަހައްދުގައެވެ.
އެރަށު ހޯޕް ޖަމިއްޔާއިން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ މިއީ އެރަށު މަލަމައްޗަކީ ސާފް މަލަމައްޗަކަށް ހެދުމަށް ކުރަމުންއަންނަ ސިލްސިލާގައި ހިމެނޭ ހަރަކާތެއް ކަމަށެވެ. އަދި ބައިވެރިވާ މީހުން 5 ޓީމަކަށް ބަހާލައިގެން ކުުރިއަށްގެންދިއުމަށް ނިންމާފައިވަނީ ވާދަވެރިކަމާއި އެކުވެރިކަމާއެކުގައި ކަމަށް ވެސް އެ ފަރާތުން މައުލޫމާތު ދެއެވެ.
މީގެއިތުރުން ފަޅުތެރެއާއެކު ސާފުކުމަށް ނިންމާފައިވާއިރު، ވީހާ ވެސް ގިނަ ފަރާތްތަކުން މިކަމުގައި ބައިވެރިވުމަށް ވަނީ އެދިފައެވެ. މި ހަރަކާތްކުރިއަށް ގެންދަނީ ލެގޫން ވިލާ މޯލްޑިވްސް، އޭ4އެސް މާޓް، ބޮނަކުއާ މޯލްޑިވްސް، ކްރިސްޓައްލޯ ޕްރައިވެޓް ލިމިޓެޑް، މޫ ސެސް މާޓް، ކޮކާކޯލާގެ އެހީތެރިކަމާއެކުގައެވެ. އަދި އެރަށު ކައުންސިލާއި ސްކޫލާއި ހެލްތު ސެންޓަރާއި ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީއާއި ސްޓެލްކޯއާއި ތޮއްޑޫ އިންޖީނުގޭގެ އެހީތެރިކަން ވެސް ލިބެއެވެ.
ހަމަމިއާއެކު ދިވެހި ފުލުހުންގެ ހިދުމަތާއި ތޮއްޑޫ ޑަބްލިއުޑީސީ އާއި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޔޫތް ޑިޕާޓްމެންޓަކީ ވެސް މި ހަރަކާތުގެ އެހީތެރިންނެވެ.
ތޮއްޑޫ ހޯޕް ޖަމްއިއްޔާ އިން އަންނަނީ އެރަށް ސާފުކޮށް ބޭއްވުމަށް ގިނަ ހަރަކާތްތަކެއް ރާވައި، ހިންގަމުންނެވެ. ސިލްސިލާކޮށް ކުރިއަށްގެންދާ މި ހަރަކާތްތައް މީޑިއާ އަށް ތިލަކޮށްދެނީ 'އޮއިވަރު' މީޑިއާ އާއި 'ވަރަ' ނޫހުންނެވެ.