ޚަބަރު ރާއްޖެ

ށ. ގޮއިދޫ ދަނޑުވެރިންނަކީ ނަމޫނާ ބައެއް: މިނިސްޓަރ

ށ. ގޮއިދޫ ދަނޑުވެރިންނަކީ ޒަމާނީ އީޖާދުތަކާއި ދިރިއުޅުމުގެ އާދަކާދައާ ދެމެދު ހަރުދަނާ ބެލެންސެއް ގާއިމުކުރުމުގެ ނަމޫނާ މިސާލަކަށްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

 

އެކަމަނާ މިފަދައިން ވިދާޅުވީ އެރަށުން މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމްގެޕް) ސެޓްފިކެޓް ހާސިލް ކުރުމާއިގުޅިގެންނެވެ.

 

އެމްގެޕް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސެޓްފިކެޓަކީ އަޅުގަނޑުމެންގެ ދަނޑުވެރިންގެ ހުނަރުވެރިކަމާއި ފެންވަރު މަތިކޮށް، ދިވެހިރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްޅެއްކަމަށެވެ. އަދި ގައުމީ ފެންވަރުގައި ފާހަގަކުރެވޭ ފަހުރުވެރި މި ކާމިޔާބީއަށްޓަކައި ގޮއިދޫ އެންމެހައި ފަރާތްތަކަށް ވަނީ ތަނިޔާ ވިދާޅުވެފައެވެ.

 

ހަމަމިއާއެކު ސަރުކާރުގެ ހައިސިއްޔަތުން، ދަނޑުވެރިކަމުގެ ވުޒާރާއިން ވަނީ އިމްޕޯޓަށް ބަރޯސާވުން މަދުކުރުމަށާއި، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމުތައް ގާއިމުކުރުމަށާއި، ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންނާއި އަންހެނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އަޒުމު ކަނޑައަޅާފަކަމަށެވެ.

 

އެމްގެޕް ސެޓިފައިކުރެވިފައިވާ އުފެއްދުންތައް ކުރިއެރުވުމުގެ ސަބަބުން، ދިވެހި ރައްޔިތުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި ސަރަހައްދީ، ބައިނަލްއަގުވާމީ މާކެޓްތަކުގައި މުސްތަގުބަލުގައި ލިބިދާނެ ފުރުސަތުތަކަށް މަގުފަހިވެގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.

 

މީގެއިތުރުން މި ކާމިޔާބީއަކީ ގޮއިދޫގެ ދަނޑުވެރިންގެ ގާބިލުކަމާއި ހުނަރުވެރިކަމުގެ ހެއްކެއްކަމަށާއި މިއީ އެ ދަނޑުވެރިން ބަދަލުތަކަށް ހޭލުންތެރިކުރުމާއި، އީޖާދީ ގޮތްތައް އުފެއްދުމާއި، ދަނޑުވެރިކަން ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ މުސްތަގުބަލަކަށް ދިވެހިރާއްޖެ ވާސިލުކުރުވުމުގައި އިސްނެގުމުގެ ގާބިލުކަން ހުރިކަމުގެ ދަލީލެއްކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.

 

މިނިސްޓަރު އިތުރަށް ވިދާޅުވީ ދަނޑުވެރިން ހިތްވަރާއި މަސައްކަތައްކަތްތެރިކަމަކީ އަޅުގަނޑުމެންގެ ގައުމުގެ ކާބޯތަކޯތަކެތީގެ ރައްކާތެރިކަމާއި އިގުތިސާދީ ކުރިއެރުމުގެ މައިގަނޑު ބިންގާކަމަށެވެ. އަދި މި ސެޓިފިކޭޝަނަކީ ގޮއިދޫގެ ތާރީހުގައި އައު ސަފުހާއެއް ފެށުމުގެ މުހިންމު ފާލެއްކަމުގައި ދެކޭކަމަށް ވެސް ވިދާޅުވިއެވެ.

 

ހަމަމިއާއެކު މިއީ ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރުވައި، ޒުވާނުން ފަހުރުވެރިކަމާއެކު މި ދާއިރާއަށް ނުކުތުމަށް ހިތްވަރު ލިބޭނެ، އަދި މުޅި ގައުމަށް ދެމެހެއްޓެނިވި ތަރައްގީގެ ނަމޫނާއެއްގެ ގޮތުގައި ގޮއިދޫ ފާހަގަކުރެވޭނެ އައު ދައުރެއްގެ ފެށުންކަމަށެވެ.

 

 

އެމްގެޕް ސެޓްފިކެޓަކީ ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއެރުވުމަށާއި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި، ފައިދާތަކާއި، ތިމާވެއްޓާ ރައްޓެހި ގޮތުގައި އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި ތަޢާރަފުކުރެވުނު މުހިންމު ސްކީމެކެވެ.

 

މި ސްކީމްގެ ދަށުން ދަނޑުވެރިކަން ކުރުމުގައި ވަށައިގެންވާ މާހައުލާއި، އަމިއްލަ ސިއްހަތު އަދި އުފައްދާ ތަކެތީގެ ފެންވަރު ރަގަޅުވާނެކަން ކަށަވަރުކޮށްދެއެވެ. މިގޮތުން އެމް.ގެޕް ލިބިފައިވާ ދަނޑުވެރިން ދަނޑު ހެއްދުމުގައި ގަސްކާނާއާއި ކެމިކަލް ބޭނުންކުރާނީ ވަކި މިންގަނޑުތަކަކަށް، ފެންބޭނުންކުރުމުގައި އިސްރާފުވުން މަދުވާނެއެވެ.

 

ވެށީގެ ރައްކާތެރިކަމަށާއި ތިމާގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާނެއެވެ. ހަމަމިއާއެކު ހުރިހާ މަރުހަލާއެއްގައި ވެސް ލިޔެކިއުން ބަހައްޓާނެއެވެ. ވީމާ ޖުމްލަ ގޮތެއްގައި އެމް.ގެޕް ސަރޓިފައިޑް ދަނޑުވެރިން އުފައްދާ ތަކެއްޗަކީ ތިމާވެއްޓާރައްޓެހި، ކާނާ އާއި ބޭސްބޭނުންކުރުމުގައި ބޭނުންކުރަންޖެހޭ މިންގަނޑުތަކަށް ތަބާވެ، ދެމެހެއްޓެނިވި އުސޫލުތަކުން އުފައްދާފައިވާ ތަކެއްޗަށް ވާނެ ކަމުގެ ޔަގީންކަން ގަންނަ ފަރާތްތަކަށް އޮންނާނެއެވެ.

 

 


  • ޑރ. މަރްޔަމް މާރިޔާ
  • އެގްރިކަލްޗަރ މިނިސްޓްރީ
  • ކޮމެންޓް