ރަނގަޅު އާއިލާއެއް ބިނާކުރެވޭނީ އިސްލާމީ އަގީދާގެ މަތީގައި މުޅި ދިރިއުޅުން އާރާސްތުކުރެވިގެން ކަމުގައި ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
އާއިލީ ބިނާގެ އެންމެ މުހިންމު ދެ ތަނބުކަމުގައިވާ މައިންބަފައިންނަކީ ތައުހީދާއި ތިމާއަށް ކޮންމެހެން ބޭނުންވާ ދީނީ އިލްމު އުނގެނި އެއަށް ޢަމަލުކުރާ ރިވެތި އަހުލާގުގެ ވެރި ބަޔަކަށް ވެގެން ކަމަށް ވެސް ހުތުބާގައި ބުންޏެވެ. އަދި ފަސާދަޔާއި މަގުފުރެދުމާއި ބައިބައިވުމާއި ހަމަނުޖެހުންތަކުން އިސްލާމީ އުންމަތް ސަލާމަތްކުރުމަށްތަކައި ހަރުދަނާ އަގީދާގެ މަތީގައި ދަރީން ތަރުބިއްޔަތުކުރަން އިސްކަމެއް ދޭންޖެހިފައިވާކަން ފާހަގަކޮށް، އެކަން ކުރުމަށް މައިންބަފައިންނަށް ވަނީ ގޮވާލާފައެވެ.
މީގެއިތުރުން ދަރީންގެ ހިތްތަކުގައި އީމާންކަމުގެ އޮށް އިންދާ ތައުހީދުގެ އިލްމު އުނގަންނާދިނުމަކީ ހަރުދަނާ ތަރުބިއްޔަތާއި އިލްމުތަކުގެ ކުރިބޯއްޓަށް ދަރީން ވާސިލުކޮށްދިނުމަށް ހުޅުވޭނެ ދޮރެެއް ކަމުގައި ވެސް ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ހަރުދަނާ އާއިލާއެއް ބިނާކުރެވޭނީ ދީނާ ދުރު ފިކުރުތަކާއި ޢަމަލުތައް ގޭތެރޭގެ މާހައުލުން ނައްތައިލެވިގެން ކަމަށެވެ. އޭގެތެރޭގައި ދީނުގައި އަންގަވައިފައިވާ މެދުމިނާ ދުރު ފިކުރުތަކާއި، ދީނަށް ޢަމަލު ނުކުރުމާއި، ދީނީ ޝިޢާރުތަކަށް މަލާމާތްކޮށް ހަޖޫޖެހުމާއި، ދީނުގެ މައްޗަށް ޣީރަތްތެރިކަން ނެތުން ފަދަ ކަންކަން ހިމެނެއެވެ.
މި ކަންކަން އާއިލާގެ ތެރެއިން ނައްތާލައި، އިސްލާމް ދީނަކީ ޢަދުލުވެރި ދީންކަމާއި، މި ދީނަކީ ދިރިއުޅުމުގެ ސީދާ މަގުކަން ދަރީންނަށް ވިސްނައިދީ ނަފުސުތަކުގައި މި ކަންކަން ހަރުލައްވާންވާނެކަމުގައި ހުތުބާގައި ބުނެފައި ވެއެވެ.
މީގެއުތުރުން ދަރީން ފުރާވަރަށް އެރުމުން ހުރިހައި ކަމެއް ހުއްދަވީކަމަށް ހީކުރާ ހީކުރުންތައް ދޫކޮށްލުމަށާއި އުޅޭނެހައި ގޮތަކަށް އުޅޭން ދަރީން ދޫކޮށް ނުލައި، އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވައިފައިވާ އިމުން ބޭރުނުވެ، ހަޔާތުގެ ބައިވެރިޔާ އިހުތިޔާރުކުރުމަށް ދަރީންނަށް އިރުޝާދުދިނުމަށް ނަސޭހަތްތެރިވިއެވެ.