ޚަބަރު ރާއްޖެ

ތޮއްޑޫ ސާފުކުރުމުގެ ހަރަކާތުގައި 3 ޓަނުގެ ކުނި ނެގި

ފޮޓޯ: ހޯޕް ޖަމްއިއްޔާ

އއ. ތޮއްޑޫ ހޯޕް އެލަޔަންސް (ހޯޕް ޖަމްއިއްޔާ) އިން އިސްނަގައިގެން މިއަދު ކުރިޔަށް ގެންދިޔަ ތޮއްޑޫ ސާފުކުރުމުގެ ހަރަކާތުގައި ގާތްގަޑަކަށް ތިން ޓަނުގެ ކުނި ނަގައިފިއެވެ.

 

އެ ޖަމްއިއްޔާ އިން 'އޮއިވަރު' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދަކީ ކޮންމެވެސް ވަރަކަށް މޫސުން ގޯސް ދުވަހެއްނަމަވެސް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ. އަދި ގާތްގަޑަކަށް 3 ޓަނުގެ ކުނި ނެގުނު ކަމަށް ވެސް ވިދާޅުވިއެވެ.

 

"އަޅުގަނޑުމެންނަށް ސީދާ އަދަދެއް ދަންނަވާކަށް ނޭނގޭ. އެކަމަކު 6 ޕިކަޕުގެ ކުނި ނެގުނު އެކި ސަރަހައްދުތަކުން. އާންމުގޮތެއްގަ އެއީ 3 ޓަނުގެ ކުނި."

 

މިއީ އެރަށު މަލަމައްޗަކީ ސާފު މަލަމައްޗަކަށް ހެދުމަށް ކުރަމުންއަންނަ ސިލްސިލާގައި ހިމެނައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އަދި ފޯރި ގަދަކުރުމުގެ ގޮތުން ބައިވެރިން ވަނީ 5 ޓީމަކަށް ބަހާލާފައެވެ.

 

އެހެންކަމުން މި ހަރަކާތް ކުރިއަށްގޮސްފައިވަނީ ވަރަށް ވެސް ވާދަވެރިކަމާއެކުގައެވެ. އެހެނަސް އެކުވެރިކަމާއެކުގައެވެ. މި ހަރަކާތުގެ ބައިވެރިން ވަނީ ރަށުގެ ބަނދަރު ސަރަހައްދާއި ފަޅުތެރެ ހިމެނޭހެން ވަނީ ސާފުކޮށްފައެވެ.

 

ހޯޕް ޖަމްއިއްޔާގެ އިސްނެގުމާއެކު މި ހަރަކާތް ކުރިއަށްގެންދިޔައީ ލެގޫން ވިލާ މޯލްޑިވްސް، އޭ4އެސް މާޓް، ބޮނަކުއާ މޯލްޑިވްސް، ކްރިސްޓައްލޯ ޕްރައިވެޓް ލިމިޓެޑް، މޫ ސެސް މާޓް، ކޮކާކޯލާގެ އެހީތެރިކަމާއެކުގައެވެ. އަދި ކައުންސިލާއި ސްކޫލާއި ހެލްތު ސެންޓަރާއި ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީއާއި ސްޓެލްކޯއާއި ތޮއްޑޫ އިންޖީނުގެއިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

 

ހަމަމިއާއެކު ދިވެހި ފުލުހުންގެ ހިދުމަތާއި ތޮއްޑޫ ޑަބްލިއުޑީސީ އާއި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޔޫތް ޑިޕާޓްމެންޓުގެ އެހީތެރިކަން ވެސް ޢަމަލީގޮތުން ވަނީ ދީފައެވެ.

 

ހޯޕް ޖަމްއިއްޔާ އިން ވަނީ ނަލަނަލަ ތޮއްޑޫ މި ހަރަކާތް ވަރަށް ފުރިހަމަ ކާމިޔާބު ހަރަކާތެއްގެ ގޮތުގައި ގެންގޮސް ނިންމާލެވުނީ އެހުރިހާ މުއައްސަސާތަކާއި ރައްޔިތުންގެ ބުރަ މަސައްކަތުންކަން އުފަލާއިއެކު ފާހަގަކުރައްވާފައެވެ.

 

އެހެންވެ، ހުރިހާ މުއައްސަސާތަކަށާއި މި ހަރަކާތުގައި ބައިވެރިވެދެއްވި ހުރިހާ ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރުދަންނަވާފައި ވެއެވެ. އަދި މި ހަރަކާތް ސްޕޮންސަރ ކޮއްދެއްވި ފަރާތްތަކަށް ވެސް ޝުކުރުއަދާކުރެއްވިއެވެ.

 

 

 

މީގެއިތުރުން ކުރިޔަށް އޮތްތަނުގައި ނަލަނަލަ ތޮއްޑޫގެ ސާފްކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަމުގެ ފެހި ސިގުނަލް ވެސް ދެއްްވިއެވެ.

 

ތޮއްޑޫ ހޯޕް ޖަމްއިއްޔާ އިން އަންނަނީ އެރަށް ސާފުކޮށް ބޭއްވުމަށް ގިނަ ހަރަކާތްތަކެއް ރާވައި، ހިންގަމުންނެވެ. ސިލްސިލާކޮށް ކުރިއަށްގެންދާ މި ހަރަކާތްތައް އާންމުންނާއި ހަމަައަށް ފޯރުކޮށްދެނީ 'އޮއިވަރު' މީޑިއާ އާއި 'ވަރަ' ނޫހުންނެވެ.

 

 


  • ތޮއްޑޫ ހޯޕް ޖަމްއިއްޔާ
  • ތޮއްޑޫ
  • ކޮމެންޓް