ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ބިން ސާފުކޮށް، އިންވަކިކުރަން ފަށައިފިއެވެ.
ހައުސިންގ މިނިސްޓްރީން ވިދާޅުވީ އެ މަސައްކަތް ފަށާފައިވަނީ ސެޕްޓެމްބަރ 3 ވީ ބުދަ ދުވަހު ކަމަށެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމްގެދަށުން ގުޅީފަޅުން ގޯތިދިނުމަށް ހަދާފައިވާ ލޭންޑް ޔޫސްޕްލޭނަށް މިސަރުކާރުން ވަނީ ބަދަލުގެނެސްފައެވެ. އަދި ގިރާވަރުފަޅުން ކުރިން ދޭން ނިންމާފައިވާ ބައެއް ގޯތިތައް ވެސް ވަނީ ގުޅިފަޅުން ދިނުމަށް ހަމަޖައްސާފައެވެ.
އެހެންވެ، އެމްޑީޕީ ސަރުކާރުން ދޫކޮށްފައިވާ ރަޖިސްޓްރީތައް މި ސަރުކާރުން ބާތިލުކޮށް، އަލުން ގުރު ނަގައި ގޯތި ލިބޭ ތަންތަން ވަނީ ކަނޑައަޅާފައެވެ. އަދި އެގޯތިތަކަށް ރަޖިސްޓްރީ ދޫކުރުމުގެ ކަންކަން އަންނަނީ ކުރަމުންނެވެ.
އެގޮތުން 1260 މީހަކަށް ގޯތީގެ ރަޖިސްޓްރީ މިހާތަނަށް ދޫކޮށްފައިވާއިރު، ގޯތި ލިބުނު އިތުރު ފަރާތްތަކަށް ވެސް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް އަންނަނީކުރަމުންނެވެ.
"އިން ވަކިކޮށް ނިމޭ ބިންތައް އޭގެ ވެރިފަރާތްތަކާ ގުޅައި ހަވާލުކުރުމުގެ މަސައްކަތް އަންނަ ހަފުތާ ފެށޭނެ."
ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިންގ ކުރިން ހިންގި އިމާރާތުގެ ބިމުގައެވެ. މިނިސްޓްރީގެ އަމާޒަކީ ދެމަހެއްހާ ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ހަވާލުކުރުމމުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.
ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް'ގެ ދަށުން ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޫކުރަން އޮތީ އިއުލާންކޮށްފައެވެ. މި ސަރުކާރުން ގުޅީފަޅުން މިހާރު ދޫކުރުމަށް ނިންމާފައިވަނީ 3،520 ގޯއްޗެވެ. އެއީ ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން މީހުން އެދުނު މީހުން ހިމަނައިގެންނެވެ.