ޚަބަރު ރާއްޖެ

ރަށު ފަތުރުވެރިކަމަށް ހާއްސަކޮށްގެން 'ތިޖާރާ ރަށު ފަތުރު' ލުއި ލޯން ތައާރަފްކޮށްފި

ރަށު ފަތުރުވެރިކަމަށް ހާއްސަކޮށްގެން 'ތިޖާރާ ރަށު ފަތުރު' ލުއި ލޯން ތައާރަފްކޮށްފިއެވެ.

 

މިއީ އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނެންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ތައާރަފްކުރި ލޯނެކެވެ.

 

އެސްޑީއެފްސީން ވިދާޅުވީ މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްލާމީ ޝަރިއްޔާގެ އުސޫލުން ލޯނުދިނުމަށް އުފެއްދި ސްކީމެއް ކަމަށެވެ. އެގޮތުން ގެސްޓްހައުސް އިމާރާތްކުރުމަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ތަފާތު ވިޔަފާރި ހަރަކާތްތައް ހިންގުމަށް އެދި މި ލޯނަށް ހުށައެޅޭނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ.

 

ހަމަމިއާއެކު ގެސްޓްހައުސް މަރާމާތުކޮށް ނުވަތަ އިމާރާތް އިތުރަށް ކުރިއެރުވުމަށާއި ގެސްޓްހައުސްގައި ރެސްޓޯރަންޓް، ކެފޭ ނުވަތަ ވޯޓަރ ސްޕޯޓްސްފަދަ ފަތުރުވެރި ހަރަކާތްތައް ފެށުމަށާއި ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރިކުރިއެރުވުމަށް ވެސް ލޯން ދޫކުރުމަށް ނިންމާފައިވާކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ.

 

މި ލޯނަށް އެދުމުގެ ފުރުސަތު އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މިހާރުވަނީ ހުޅުވާލާފައެވެ. މި ސްކީމްގެ ދަށުން 5،000،000 މިލިޔަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާއިރު، ލޯން ދެއްކުމަށް ގްރޭސް މުއްދަތުގެ ގޮތުގައި 18 މަސް ދުވަސްދެއެެވެ. އަދި ލޯން ދެއްކުމަށް ގިނަވެގެން 10 އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައި ވެއެވެ.

 

ފައިނޭންސިންގ ރޭޓްގެ ގޮތުގައި އަހަރަކު 9.5 އިންސައްތަ ދައްކަންޖެހޭނެ ކަމަށާއި ރަހުނެއް ދައްކަންޖެހޭނީ ލޯނަށް ނަގައި ފައިސާ ނުވަތަ ޖުމުލަ އެކްސްޕޯޝަރ 700،000 ރުފިޔާއަށްވުރެ މަތިވާނަމަ ކަމުގައި ވެސް އެސްޑީއެފްސީން ވިދާޅުވެއެވެ.



2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހު އެސްޑީއެފްސީ އުފެއްދީ ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށެވެ. އަދި މި ކުންފުނި ބީއެމްއެލް އަށް މިހާރުވަނީ ވިއްކާލާފައެވެ. މަގުސަދަކީ ބީއެމްއެލްގެ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި ފުޅާ ވިއުގައާއި ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިންގ ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިންގ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހި ކުރުމެވެ.

 


  • އެސްޑީއެފްސީ
  • ބީއެމްއެލް
  • ފަތުރުވެރިކަން
  • ކޮމެންޓް