ޚަބަރު ރާއްޖެ

ކުށުން ރައްކާތެރިވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ށ. އަތޮޅުގަ

ކުށުން ރައްކާތެރިވުމަށް މައުލޫމާތު ދޮނުމުގެ ޕްރޮގްރާމެއް ށ. އަތޮޅުގައި ފަށައިފިއެވެ.

 

މިއީ ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކޮށް، ތަފާތު އެކިކަހަލަ ކުށްތަކުން ރައްކާތެރިކުރުވުމާއި ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ޕްރޮގްރާމެކެވެ.

 

ށ. އަތޮޅު ޅައިމަގުގައި މި ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން 13 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް މައުލޫމާތު ދޭނެއެވެ.

 

ކްރައިމް ޕްރިވެންޝަނާއި އެ އަތޮޅު ފުލުހުންނާއި ސްކޫލުތަކާއި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، އަހުލާގު ރަނގަޅު އަދި ޒިންމާދާރު ދަރިވަރުންނަށްވުމަށާއި އެހެން ދަރިވަރުންނަށް ނަމޫނާ ދައްކާނެ ގޮތްތަކުގެ މައުލޫމާތު ދޭނެއެވެ. އަދި ކުށްތަކުން ރައްކާތެރިވެތިބުމަށް ވެސް ސްކޫލު ދަރިވަރުންނަށް މައުލޫމާތު ދޭނެއެވެ.

 

މީގެއިތުރުން ތަފާތު އެކިކަހަލަ ކުށްތަކުން ރައްކާތެރިވެތިބުމަށާއި ދަރިން ތަރުބިއްޔަތުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ކާމިޔާބު ބެލެނިވެރިޔާގެ ނަމުގައި ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

 

ހަމަމިއާއެކު މުއައްސަސާތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އަރުތަ ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވެއެވެ. މި ޕްރޮގްރާމުގައި ވަޒީފާގެ މާހައުލުގައި ދިމާވާ ކަންކަމާ ކުރިމަތިލާ، މައްސަލަ ހައްލުކުރާނެ ގޮތްތައް ދަސްކޮށްދިނުމާއި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅާ ޓީމްބިލްޑިންގ ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެއެވެ.

 

ކުށުން ރައްކާތެރިވުމާއި ކުށްމަދު އަމާން ވެއްޓެއް ރަށުގައި ގާއިމުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ވެސް މި ޕްރޮގްރާމުގެ ތެރެއިން ބާރުއަޅާނެއެވެ. ކުށްމަދުކުރުމާއި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންނާއި ކްރައިމް ޕްރިވެންޝަން ގުޅިގެން މިފަދަ ޕްރޮގްރާމުތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކުރިއަށް ގެންދެއެވެ.

 

 


  • ށ. އަތޮޅު
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • ކޮމެންޓް