ޚަބަރު ރާއްޖެ

ނަމާދަކީ ތިމާގެ ހަޔާތުގައި އެންމެ އިސްކަންދޭ އަޅުކަންކަމުގައި ހަދާ!

ނަމާދަކީ ތިމާގެ ހަޔާތުގައި އެންމެ އިސްކަންދޭ އަޅުކަންކަމުގައި ހެެދުމަށާއި އެއީ ތިމާއަށް ވަގުތެއް ވީމާ ކޮށްލައި އުޅޭ ކަމަކަށްނުހެދުމަށް ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

 

ހުތުބާގައި ވަނީ ނަމާދަކީ އެ އަޅުކަމަށް ވަގުތު ހުސްކޮށްގެން ކުރާހިތުން ގަޔާވެގެން އޭގެ ވަގުތުގައި އަދާކުރާ އަޅުކަމަކަށްހެދުމަށާއި ނަމާދަށް ހުންނަ އިރު، އެ ހުރެވެނީ ތިމާގެ ޚާލިޤުވަންތަ اللّٰهއާ މުނާޖާދަންނަވާންކަން ހަނދުމަކުރުމަށް ވެސް ނަސޭހަތްތެރިވެފައެވެ.

 

މީގެއިތުރުން ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، އެ ނަމާދު ގަބޫލެއްނުކުރައްވާނެކަމަށާއި އީމާންވުމަށް ފަހު، އަޅާގެ މައްޗަށް އެންމެ މުހިންމު އަޅުކަމަކީ ނަމާދުކަން ވެސް ހަނދުމަކޮށްދީފައި ވެއެވެ.

 

"ނަމާދުގައި ޚުޝޫޢަތްތެރިވުން" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ އިއްޔެގެ ހުކުރު ހުތުބާގައި ބުނީ ނަމާދަކީ ދީނުގެ ތަނބު ކަމަށާއި ގިޔާމަތްދުވަހު ހިސާބުބެއްލެވޭ ހިނދު، ޚުޝޫޢަތްތެރިކަމާއެކު ފުރިހަމައަށް ނަމާދު އަދާކޮށްފައި ހުރުން މުހިންމުކަމަށެވެ. އަދި އެއީ އެއާނުލައި، އެހެނިހެން ޢަމަލުތައް ގަބޫލުވެވިގެންނުވާނޭ އަޅުކަމަކަށް ވާތީކަމުގައި ވެސް ހުތުބާގައި ބުނެފައި ވެއެވެ.

 

" މުސްލިމުން، ފަރުޟު ފަސް ނަމާދު އަދާކުރުމަށްފަހު، ހުންނަން ޖެހޭނީ ތާހިރުކަންމަތީ، ދެއްކުންތެރިކަމެއް ނެތި، މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު މާތް ﷲއަށް ހިތް ނިޔަތް ޚާލިޞްކޮށްގެންވާ ޙާލުގަ. އަދި ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، މާތް ﷲ އެ ނަމާދު ޤަބޫލެއްނުކުރައްވާނެ."

 

ކާމިޔާބުވާނޭ ބަޔަކީ، ނަމާދުގައި ޚުޝޫޢަތްތެރިވެ ބިރުވެތިވާ މީހުންކަމުގައި ބަޔާންކޮށް ހުތުބާގައި އިތުރަށް ބުނީ ނަމާދުކުރާންވީ ޚުޝޫޢަތްތެރިވެ ތިބެގެންކަމާއި، ފަރުވާކުޑަކޮށް، ޣާފިލުވެ ތިބެގެން ނަމާދުކުރާ މީހުންނަށް ދަރުމައެއް ނެތްކަމަށެވެ. އޭގެ ބަދަލުގައި އެ ފަދަ މީހުންނަށް ހުރީ ގެއްލުމާއި ހަލާކުކަމަށާއި އެހެންކަމުން ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަކުރިއެވެ.

 


  • ހުކުރު ދުވަސް
  • ހުކުރު ޚުތުބާ
  • ކޮމެންޓް