ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފަށާފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިންތައް ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި ބިންތަކުގެ ވެރިފަރާތްތަކަށް ބިން ހަވާލުކުރުމަށް އެސަރަހައްދު ސާފުކޮށް އިންވަކިކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފެށީ މިމަހުގެ 3 ވަނަ ދުވަހުއެވެ.
ހައުސިންގ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވީ ގުޅީފަޅުގައި ކޮންސްޓްރަކްޝަން ސައިޓްތަކެއްގެ ގޮތުގައި ވަގުތީގޮތުން ދޫކޮށްފައިވާ ބިންތައް ހުސްކުރުމުން އެބިންތައް ހިމެނޭ ސަރަހައްދުތަކުގައި ހިމެނޭ ގޯތިތައް ހަވާލުކުރަމުގެ މަސައްކަތް ވެސް ވަރަށްއަވަހަށް ފައްޓަވާނެ ކަމަށެވެ.
ވީހާވެސް އަވަހަކަށް ގޯތިތައް ހަވާލުކޮށް ނިންމުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސެޕްޓެމްބަރ 3 ވަނަ ދުވަހާއި ހަމައަށް 1260 އަށްވުރެ ގިނަ ގޯތި ދޫކޮށްފައިވާކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާ އައުމާއެކު ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ލިބުނު ގޯތީގެ ގުރުއަތު އަލުންވަނީ ނަގާފައެވެ.