ޚަބަރު ރާއްޖެ ވިޔަފާރި

ޖީއެސްޓީއާއި ގްރީން ޓެކްސް ބަޔާން ހުށަނާޅާ 135 ފަރާތެއްގެ ނަން މީރާ އިން ހާމަކޮށްފި

ޖީ.އެސް.ޓީ އާއި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

 

އެ އިދާރާ އިން ހާމަކޮށްފައިވަނީ ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، 2025 ވަނަ އަހަރުގެ މޭ މަހާ ހަމައަށް އެ ބަޔާން ހުށަނާޅާ ފަރާތްތަކުގެއެވެ. މި ގޮތުން ސެޕްޓެމްބަރ 8 ގައި ފުރަތަމަ ޝާއިއުކުރި ލިސްޓުގައި ޖުމުލަ 152 ފަރާތެއް ހިމެނިފައިވެއެވެ.

 

އެހެންނަމަވެސް މި ލިސްޓު ޝާއިއުކުރުމަށްފަހު، 17 ފަރާތަކުން އެ ބަޔާން ހުށަހަޅާފައިވާތީ، މި ވަގުތާ ހަމައަށް ޖީ.އެސް.ޓީ އަދި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ އަދަދު ވަނީ 135 އަށް ބަދަލުވެފައެވެ.

 

މީރާ އިން ވިދާޅުވީ ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދެވިފައިވާނެ ކަމަށެވެ. އަދި އެސް.އެމް.އެސްގެ ޒަރިއްޔާއިން ވެސް އެ ފަރާތްތަކަށް އެކަން އަންގާފައިވާނެ ކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ.

 

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތުކުރުމެއްނެތި އަޅަމުންގެންދާނެކަމަށް މީރާއިން މައުލޫމާތު ދެއެވެ. އެހެންކަމުން، މިހާތަނަށް ވެސް ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

 


  • މީރާ
  • ކޮމެންޓް